އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ( އެފްބީއައި ) އިން ހިންގި 10 ހަފުތާގެ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ދިވެހި ފުލުހުންގެ އިސް އޮފިސަރެއް ކަމުގައިވާ ޗީފް ސުޕައިންޓެންޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ފުރިހަމަކޮށްފިއެވެ.
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.
ދަސްވެނިވި އޮފިސަރުންގެ ތެރޭގައި އެމެރިކާގެ 44 ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާއިން ބައިވެރިވި އޮފިސަރުންނާއި 28 ޤައުމަކުން 29 އޮފިސަރުންނާއި އެމެރިކާގެ އަސްކަރިއްޔާގެ ފަސް އިދާރާއަކާއި ފެޑެރަލް ސިވިލިއަން ހަތަރު އިދާރާއެއް ހިމެނެއެވެ. ބައިވެރިން ވަނީ ޤާނޫނީ ދާއިރާ ބިހޭވިއަރަލް ސައިންސް އާއި ފޮރެންސިކް ސައިންސް އާއި ލީޑާޝިޕް ހަރުދަނާކުރުމުގެ އިތުރުން ދުޅަހެޔޮ ޞިއްޙަތާއި ކުޅިވަރު ފަދަ ދާއިރާތަކުން ތަމްރީނު ޙާޞިލުކޮށްފައެވެ.
ފުލުހުން ބުނީ ހަސަން ޝިފާއު މި ޕްރޮގްރާމް ފުރިހަމަކުރެއްވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލީޑާޝިޕް ހުނަރާއި ޕްރޮފެޝަނަލް މިންގަނޑުތައް ހަރުދަނާކުރުމަށާއި ބައިނަލްއަޤުވާމީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކާ އެކު ގުޅުން ބަދަހިކޮށް މުއައްސަސާގެ ތެރޭގައި ޢިލްމާއި ތަޖުރިބާ ފެތުރުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށެވެ.
1972 ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޔުނިވާސިޓީ އޮފް ވާޖީނިއާއިން އެކްރެޑިޓްކޮށްފައިވާ އަންޑަގްރެޖުއޭޓް އަދި ގްރެޖުއޭޓް އެކަޑެމިކް ކްރެޑިޓް ލިބެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists