ސިންގަޕޫރާއެކު ކުޅުނު ދެވަނަ މެޗުން ރާއްޖޭގެ ޒުވާންޓީމް ބަލިވެއްޖެ
ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމް، ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުން ރާއްޖޭގެ ޓީމް ބަލިވެއްޖެއެވެ.
ސިންގަޕޫރުގައި ކުޅުނު މިމެޗުން ރާއްޖޭގެ ޓީމް ބަލިވީ، 6-2 ގެ ނަތީޖާއަކުންނެވެ. މެޗްގައި ސިންގަޕޫރުން ރާއްޖެ ކޮޅަށް ޖެހި ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފްގެ ކުޅުމުގެ ތެރޭގައެވެ. އަދި އަނެއް ހަތަރު ލަނޑު ޖަހާފައިވަނީ ފަހު ހާފްގައެވެ. މެޗްގައި ސިންގަޕޫރުގެ ހަރިތު ދާނިޝް ވަނީ ހެޓްރިކް ހަދާފައެވެ.
ސިންގަޕޫރުގެ ޒުވާންޓީމާ ރާއްޖެ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސިންގަޕޫރު އެފްއޭ
މެޗްގައި ރާއްޖެއިން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގައެވެ. އަދި ފަހު ލަނޑު ޖަހާފައިވަނީ ފަހު ހާފްގެ އިތުރު ވަގުތު ކުޅުމުގެ ތެރޭގައި ޖެހި ލަނޑެކެވެ. ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނައްސާހް އަދި އަނޫފެވެ.
ކުރިއަށްއޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޒުވާންޓީމް ސިންގަޕޫރުގެ ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗް ރާއްޖެ ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
ސިންގަޕޫރުގައި ފަރިތަކުރުންތައް ބޭއްވުމަށްފަހު ޒުވާންޓީމް އެނބުރި ޤައުމަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ މިއަދުއެވެ. ރާއްޖޭގެ ޒުވާންޓީމް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ މަސައްކަތް މިފަހަރު ފަށާފައިވަނީ ޤައުމީޓީމުގެ ކޯޗްކަމާ ހަވާލުވި ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists