ސޯލިހާއި ނަޝީދު، އެމްޑީޕީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަވައިފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.
އެ ނިންމުން ނިންމީ މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ. މިރޭގެ ޖަލްސާގައި އެ ގޮތަށް ހުށައެޅުމުން 61 މެންބަރުން ވޯޓް ދެއްވި އެވެ.
މީގެ އިތުރުން ކުރީގެ ރައީސުން ޕާޓީގައި ދެމި ތިއްބެވިހާ ހިނދަކު ގައުމީ މަޖިލީހުގައި ހިމެނުމަށް ވެސް ފާސްކުރި އެވެ. އެގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށް ދެން އޮންނަ ކޮންގްރެސް އެއްގައި ހުށައަޅާ ގޮތް ނިންމަން ވަނީ ހަމަޖައްސާފަ އެވެ.
މިފަދަ ނިންމުމެއް މިއައީ އެމްޑީޕީގައި އަލުން ހިޔާލުތަފާތުން އުފެދި މައްސަލަ ހައްލު ކުރެވިފައިވާކަން ރައީސް ސޯލިހް އިއުލާނު ކުރައްވާފައި ވަނިކޮށެވެ.
މި ފަހަރު ހިޔާލުތަފާތުން އުފެދުނީ އެމްޑީޕީއަށް ލިބުުނު ކާމިޔާބީ ފާހަގަ ކުރުމުގެ ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަ ދައްކަވަން ފުރުސަތު ނެތުމުންނެވެ. އެ ހިޔާލުތަފާތުވުން ބޮޑެވެ ނަޝީދުގެ ފެކްޝަނުން ޖަލްސާ ބޮއިކޮޓް ކުރި އެވެ. ފަހުން ވަނީ ނަޝީދުގެ ވަފާތެރިން ކަމަށް ތުހުމަތުކޮށް ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރައްވާފަ އެވެ.
އަދި ނަޝީދު، ކެމްޕެއިނަށް ނިކުންނަވަން ދެކޮޅު ހެެއްދެވި ކަމަށް ވެސް ލީޑާޝިޕުން ތުހުމަތު ކުރެއްވި އެވެ. ނަޝީދުގެ ވަފާތެރީންގެ ނަޒަރުގައި ކާމިޔާބުގެ އަސްލަކީ އެމަނިކުފާނު ކެމްޕެއިނަށް ނިކުންނެވުމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists