ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާއިއެކު އާދައިގެ މަތިން ސިފައިން މާލޭގެ މަގުތަކުން ފެން ހިއްކަން ނިކުމެއްޖެއެވެ.
އެމްއެންޑީއެފޔުން ވަނީ ސިފައިން މާލޭގެ މަގުތަކުން ފެން ހިއްކުމަށް ނިކުމެ އުޅޭކަމަށް ބުނެފައެވެ. މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ އިތުރުން ހުޅުމާލެއަށްވެސް މިއަދު ހެދުނު ބޯކޮށް ވަނީ ވާރޭ ވެހިފައެވެ.
އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އެގޮތުން މާލޭގެ ބޭރުމަގުގައި ހުރި ބޮޑެތި ޕަމްޕުަތައް ބޭނުންކޮށްގެން ސިފައިން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެނަމަ މަގުތަކުން ފެން ހިއްކުމަށް ސިފައިން ނިކުމެ މަސައްކަތް ކުރުމަކީ އާއްމުކަމެކެވެ. ބޯކޮށް ވާރޭ ވެހިއްޖެނަމަ މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމަކީ އާއްމު ކަމެކެވެ. އަދި މިއީ މިހާތަނަށްވެސް ހައްލު ނުވެ އޮތް މައްސަލައެކެވެ.
މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެނަމަ ސިފައިންގެ އެހީތެރިކަމާ ނުލައި މަގުތަކުގައި ބޮޑުވާ ފެންގަނޑު އަވަހަށް ހިނދޭތަން ނާންނަ މައްސަލައަކީ ވަރަށް ގިނަ އާއްމު ރައްޔިތުންވެސް ފާަހަގަކުރާ ކަމެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists