ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.
ޕީސީބީން ދެންމެ ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށާއި، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.
ފެނަކައިގެ އެމްޑީގެ މަގާމު މި މަހުގެ ހަވަަނަ ދުވަހުން ފެށިގެން އޮތީ ހުސްކޮށެވެ. އެއީ ޑިސެންބަރު 23, 2024 ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަނު ކުރެއްވި މުހައްމަދު ނަޖާހް އެ މަގާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ. އޭނާ ވަކިކުރެއްވި ސަބަބެއް ސާފެއް ނުވެ އެވެ.
އޭނާ ވަކިކުރެއްވީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާކަން އިއުލާނު ކުރައްވާފައި ވަނިކޮށެވެ. އެއާއެކު ފެނަކަ ހިމެނޭހެން މުހިންމު ދެތީން ހަތަރު ކުންފުންޏެއްގެ ވެރީން މަގާމުން ވަކިކުރެއްވި އެވެ.
އަފީފަކީ ފެނަކަ ހިންގެވުމަށް މި ސަރުކާރުން އައްޔަނު ކުރެއްވި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ. އެންމެ ފުރަތަމަ އެެ މަގާމު ދެއްވީ ކުރީގެ މެންބަރު މުހައްމަދު މުއާޒް ރަޝީދަށެވެ. ނަމަވެސް ޕްރެޝަރު ކުރިމަތިވެ ޑިސެންބަރު 23, 2024 ގައި އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists