ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ އެކި މައްސަލަތަކުގައި ޓޯކުރުމަށްފަހު، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލުނުވުމުގެ ސަބަބުން ނައްތާލަން ނިންމާފައިވާ އުޅަނދުތަކެއް ކަމަށެވެ.
އަދި އެ އުޅަނދުތައް ނައްތާލުމަށް ހަމަޖެހިފައިވަނީ ޤާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ރަސްމީކޮށް ހުއްދަ ލިބިގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ވީޑިއޯއިން ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ކުނީގެ ގޮތުގައި ތިލަފުށްޓަށް ގެންދިއުމުގެ ކުރިން، ހުޅުމާލެ ފޭސް 2 އިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް، ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުންދިޔަ މަންޒަރު ކަމަށެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، ރައްޔިތުންގެ މުދަލާމެދު ފުލުހުން އިހުމާލުވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists