ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ޚާއްޞަ ހެލްތު އިންޝުއަރެންސް އުވައިލުމަށް ގޮވައިލާ ހުށަހެޅި އީ-ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެއެވެ.
މި ޕެޓިޝަން ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އޮގަސްޓްމަހުގެ 12 ވަނަ ދުވަހު މިދުއަމް ސައުދު ހުށަހެޅި މި ޕެޓިޝަނުގައި ގޮވާލާފައިވަނީ ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ ހަތް ވަނަ ބާބުގެ (ހ) ގައި ބަޔާންކޮށްފައިވާ މެންބަރުންނާއި އެ މެންބަރުންގެ އަނބިން/ފިރީންނާއި 18 އަހަރު ނުފުރޭ ދަރީންނަށް ރާއްޖެއާއި ސާކް ޤައުމުތަކާއި އާސިއާނުގެ ޤައުމުތަކުން ސިއްޙީ ފަރުވާ ލިބޭ ގޮތަށް ހަމަޖައްސާފައިވާ މެޑިކަލް އިންޝުއަރެންސް ސްކީމުގެ މާއްދާތައް އުވައިލުމަށެވެ. ހަމައެއާއެކު އެ ޤާނޫނުގެ އަށް ވަނަ ބާބު (ޚިދުމަތުގެ އިނާޔަތް) ގެ (ޅ) ގައި ވަނީ މެންބަރުކަން ކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް އެ ފެންވަރުގެ ހެލްތު އިންޝުއަރެންސް ސްކީމެއް ދޭންވާނެ ކަމަށެވެ.
މިހާރު ހިނގާ ނިޒާމުގެ ދަށުން ކޮންމެ މެންބަރަކަށް އަހަރަކު އެއް މިލިއަން ރުފިޔާ (64,850 އެމެރިކާ ޑޮލަރު) އަށް ވުރެ އަގުހުރި ޕްލޭނެއް ލިބެއެވެ. މެންބަރުގެ އަނބި/ފިރި އަދި 18 އަހަރު ނުފުރޭ ދަރީން ހިމެނޭ ގޮތަށް ރާއްޖެ ސާކް އަދި އާސިއާނުގެ ޤައުމުތަކުން ފަރުވާ ލިބޭ ގޮތަށް މި ޕްލޭން ހަމަޖައްސާފައިވާ އިރު ކުރީގެ މެންބަރުންނަށްވެސް ހަމަ އެ ފެންވަރުގެ ކަވަރޭޖް ލިބެއެވެ. އެލައިޑް އިންޝުއަރެންސުން މެންބަރުންނާއި އެ މެންބަރުންގެ އަނބި/ފިރީންނާއި 18 އަހަރު ނުފުރޭ ދަރީންނަށް އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުން ހެލްތު އިންޝުއަރެންސް ކަވަރު ކޮށްދެއެވެ. މެލޭޝިއާ ތައިލެންޑް އަދި ސިންގަޕޫރު ހިމެނޭ ގޮތަށް ޖުމްލަ 19 ޤައުމެއް މި ސްކީމުގެ ތެރޭގައި ހިމެނެއެވެ.
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މެންބަރުކަމުން ވަކިވާ ކޮންމެ ފަރާތަކަށް އުމުރު ދުވަހަށް މި އިންޝުއަރެންސް ދޭން ޖެހޭތީ މި ޚަރަދު އަހަރުން އަހަރަށް ދާނީ އެތައް ގުނައެއް އިތުރުވަމުންނެވެ.
މި ޕެޓިޝަނުގައި ވާގޮތުން ދުނިޔޭގެ އެންމެ ބޮޑު 10 އިޤުތިޞާދުގެ މައްޗަށް ބިނާކޮށް ހެދި ދިރާސާތަކުން ފެންނަ ގޮތުގައި ކުރީގެ މެންބަރުންނަށް އުމުރުދުވަހުގެ ހެލްތު އިންޝުއަރެންސް ދޭ އެއްވެސް ބޮޑު ޤައުމެއް ދުނިޔޭގައި ނެތްއިރު، އެމެރިކާގައި ކޮންގްރެސް މެންބަރުން މަޤާމުން ވަކިވުމާ އެކު ހެލްތު އިނާޔަތް ކެނޑިގެންދާކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޖަޕާނުގައި މެންބަރުން ބޭނުންކުރަން ޖެހެނީ ހުރިހާ ރައްޔިތުންނަށް ލިބޭ ޤައުމީ ހެލްތު ނިޒާމެވެ. ޖަރުމަނުވިލާތުގައި ކުރީގެ މެންބަރުންނަށް ސަބްސިޑީ ލިބެނީ ގިނަވެގެން 18 މަސް ދުވަހަށެވެ. އިނގިރޭސިވިލާތުގައި ހުރިހާ މެންބަރުންނަށްވެސް ޚިދުމަތް ލިބެނީ ޢާންމު ރައްޔިތުންނާ އެއް ހަމައެއްގައި ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) މެދުވެރިކޮށެވެ.
މި ޕެޓިޝަނުގައި ގޮވާލަނީ ޚާއްޞަ އިންޝުއަރެންސް ދިނުމާ ގުޅޭ މާއްދާތައް އުވައިލައި ހުރިހާ މެންބަރުންނަކީވެސް ޢާންމު ރައްޔިތުންނެކޭ އެއް ގޮތަށް ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް ލިބޭ ބަޔަކަށް ބަދަލުކުރުމަށެވެ.
މަޖިލީހުގެ ހިނގާ ޤަވާއިދުގެ ދަށުން ޕެޓިޝަން ކޮމިޓީން ދެ ދުވަހުގެ ތެރޭގައި ފުރަތަމަ ބައްދަލުވުން ބާއްވައި ސަރުކާރުގެ ސަމާލުކަމަށް ގެނެސް ބަހުސަށް ރައީސަށް ފޮނުވަންޖެހެއެވެ. ސަރުކާރުން 30 މަސައްކަތު ދުވަހުގެ ތެރޭގައި އެ ސަރުކާރުގެ ސްޓޭންޑް ހާމަކުރަންޖެހެއެވެ.
ދިވެހި ރައްޔިތުން ސިއްޙީ ފަރުވާ ހޯދަނީ ޤައުމީ ސިއްޙީ އިންޝުއަރެންސް ނިޒާމެއް ކަމުގައިވާ އާސަންދައާއި އެންސްޕާ މެދުވެރިކޮށެވެ. ނަމަވެސް މެންބަރުންނާއި އެ މެންބަރުންގެ ޢާއިލާތަކަށް ޢާންމު ރައްޔިތުންނަށް ލިބޭ އާސަންދައަށް ވުރެ މާ ބޮޑު "ޕްރީމިއަމް" ހެލްތު އިންޝުއަރެންސް ޕެކޭޖެއް ލިބޭކަމަށް ޕެޓިޝަނުން ފާހަގަކުރެއެވެ.
މި ޕެޓިޝަނަށް މިހާރު 6،977 ސޮއި ލިބިފާވާއިރު، މި ޕެޓިޝަން މިހާރު ވަނީ ޚާއްސަ ޕެޓިޝަނެއްގެ ދަރަޖަ ހޯދާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists