ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މި ހާދިސާ ހިނގާފައިވަނީ ކ. މާފުށީގައެވެ. މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، 2026 އޮގަސްޓު 11 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރު މީހަކު ބަލައިފާސްކުރަމުން ދަނިކޮށް، ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅައި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޮގަސްޓު 11 ވަނަ ދުވަހު، މާރާމާރީ ހިންގި ސީންއިން ސީދާ ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ހެވަން، މުޙައްމަދު ޝާބިން ޝުޖާޢު (18އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުތަކެއް ކުރުމަށްފަހު އޭނާ ދޫކޮށްލާފައެވެ. ނަމަވެސް، އޭނާ ދޫކޮށްލުމަށް ކޯޓުން ކުރި އަމުރު މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ ފަސް މީހުންނަކީ ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރި މީހުންނެވެ. އެއީ:
އަބްދުالله ނިހާދު (30އ) / ސްޓާރލައިން، ކ. މާފުށި (ހައްޔަރުކުރީ އޮގަސްޓު 14 ގައި، ބަންދު މުއްދަތު ހަމަވާނީ އޮކްޓޫބަރު 4 ގައި)
އިބްރާހީމް ސުނީޒް (41އ) / ގްރީންޕާރކް، ކ. މާފުށި (ހައްޔަރުކުރީ އޮގަސްޓު 15 ގައި، ބަންދު މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 23 ގައި)
އަޙްމަދު އަހުނަފް އަސްފާޤު (24އ) / ވާރޭވިލާ، ކ. މާފުށި (ހައްޔަރުކުރީ އޮގަސްޓު 19 ގައި، ބަންދު މުއްދަތު ހަމަވާނީ އޮކްޓޫބަރު 11 ގައި)
މުޙައްމަދު ޝައިޙާން (21އ) / ގްރީންޕާރކް، ކ. މާފުށި (ހައްޔަރުކުރީ އޮގަސްޓު 28 ގައި، ބަންދު މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 27 ގައި)
ޙަސަން ނަބީލު (32އ) / ފާއިޒާމަންޒިލް، ކ. މާފުށި (ހައްޔަރުކުރީ އޮގަސްޓު 29 ގައި)
މީގެ ތެރެއިން ޙަސަން ނަބީލު (32އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 21 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists