އިސްތިއުމާރީ އިސްރާއީލުގެ ޢުދުވާނީ ހަމަލާތަކުގައި ބޮޑެތި ގެއްލުން ލިބި ވެއްޓުމުގެ ބިރު ހީވެފައިވާ 255 އިމާރާތެއް ހުސްކޮށް ތަޅައިލުމުގެ މަސައްކަތް ޣައްޒާގައި ފަށައިފިއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން އިސްނަގައިގެން ބޯހިޔާވަހިކަމާ ބެހޭ ވުޒާރާއާއި އދ. ގުޅިގެން ހިންގާ މި މަޝްރޫޢުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ ފުރާނައަށް ކުރިމަތިވެފައިވާ ނުރައްކާ ކުޑަކުރުމެވެ.
ސެޕްޓެމްބަރު 16 ވަނަ ދުވަހު އަލް-ސަޢާދާ އިމާރާތް ވެއްޓި 21 މީހުން ޝަހީދުވި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވެއެވެ.
ނުރައްކާތެރި ސަރަޙައްދުތަކުގައި އިންޒާރުގެ ބެރިކޭޑް ޖެހުމާއި ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމުގެ މަސައްކަތް އެހީދޭ ޓީމުތަކުން ވިލަރެސްކުރަމުން ގެންދެއެވެ.
ޚާއްޞަ އިންޖިނޭރުންގެ ކޮމިޓީތަކުން ނާޒުކު ޙާލަތުގައި ހުރި ތަންތަން ބަލައި އެ ތަންތަނުގައި ދިރިއުޅޭ މީހުން ދަފްތަރުކުރަމުން ގެންދެއެވެ.
ޣައްޒާގެ އެކި ހިސާބުތަކުން ގާތްގަނޑަކަށް 3000 އިމާރާތެއް ނުރައްކާތެރި ފެންވަރެއްގައި ހުރި އިރު ގެއްލުން ލިބިފައިވާ ޢިމާރާތްތައް ވެއްޓިގެން މިހާތަނަށް 61 މީހުން ޝަހީދުވެފައިވާ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
ނަމަވެސް އިސްރާއީލުގެ ޙިޞާރުގެ ސަބަބުން ބޮޑެތި މެޝިނަރީ ނުވެއްދުމާއި ފައިސާގެ ދަތިކަމާއި މީހުން ވަޒަންވެރިކުރުވާނެ ސާފު ބިމެއް ނެތުމުގެ ހުރަސްތައް ބޮޑު ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
އެ ސަބަބުތަކާ ހެދި ބަދަލު ބޯހިޔާވަހިކަމެއް ނެތި އެތައް ހާސް ބަޔަކު ރެނދުލައި ހަލާކުވެފައިވާ އިމާރާތްތަކުގައި ދިރިއުޅެން މަޖުބޫރުވެފައިވެއެވެ.
2025 ވަނަ އަހަރުގެ އޮކްޓޫބަރު 10 ގައި ޤަތުލުޢާންމު ހުއްޓައިލުމަށް އެއްބަސްވި ފަހުންވެސް ފޭލިގެ ނެތުމާއި ވަގުތީ ހިޔާ ބިނާކުރަން ބޭނުންވާ ސާމާނު އެތެރެކުރުމަށް އިސްރާއީލުން ހުރަސް އެޅުމުގެ ސަބަބުން ގިނަ އިމާރާތްތައް ވެއްޓިފައިވެއެވެ.
ބޯހިޔާވަހިކަމުގެ ސާމާނު ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދިނުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ތަކުރާރުކޮށް ގޮވައިލި ނަމަވެސް އިސްރާއީލުން އެ ގޮވައިލުންތަކަށް އިޖާބައެއް ދީފައެއް ނުވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރުގައި ފެށި ޢުދުވާނުގައި ފަލަސްޠީނުގެ 73000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 174000 މީހުން ޒަޚަމުކޮށްލާފައިވާ އިރު ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ގެއްލުންވެ ނުވަތަ ސުންނާފަތިވެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists