އަދުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ރަސްމާލެ ތަރައްޤީ ކުރުމަށް ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްތްމަންޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވައި ވާހަކަދައްކަވައިފިއެވެ.
ސަރުކާރުން މިއަދު ވަނީ ރަސްމާލެ ތަރައްޤީކުރުމުގެ ގޮތުން އެކުވެރި އަރަބި އިމާރާތައް ނިސްބަތްވާ މަޝްހޫރު ޑިވެލޮޕަރ، އީގަލް ހިލްސް އާއެކު 20 ބިލިއަން ޑޮލަރުގެ ތަރައްޤީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެކުންފުންޏާއެކު ސަރުކާރުން ސޮއިކުރީ 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީކުރުމަށެވެ.
މި އެއްބަސްވުމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ޕްރައިވަޓައިޒް ކުރުމަކީ ރަނގަޅު ކަމެއްކަމަށެވެ. އެގޮތުން ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ޕޯސްޓްގައި ރައީސް ނަޝީދު މި ޕޯސްޓްގައި ފާހަގަކުރައްވާފައިވަނީ މިއީ މުސްތަގްބަލަށް ބަލާނަމަ ފައިދާކުރަނިވި މަޝްރޫޢުއެއްނަމަވެސް، މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމާ މިކަމަކާ ގުޅުމެއް ނެތްކަމަށެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހުށަހެޅުނު އެންމެ ބިޔަ ޕްރޮޖެކްޓާ ބެހޭގޮތުން ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބް ވިދާޅުވެފައިވަނީ މިއީ ރާއްޖެއަށް ވަރަށް މަންފާކުރުވަނިވި މަޝްރޫޢުއަކަށް ވެގެންދާނޭކަމަށެވެ. އެގޮތުން ރާއްޖޭގެ ބޭންކިން ނިޒާމް މެދުވެރިކޮށް އެތައް ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްަންޓްތައް އަންނާނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލަޢައްބާރު ވަނީ މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ މަޝްރޫޢުއަކަށް ވެގެންދާނޭކަމަށް ވިދާޅުވެފައެވެ.
މަޝްރޫޢުގެ ދައުރުގެ ތެރޭގައި ޖުމްލަ 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން 18 ބިލިއަން ޑޮލަރަކީ ސީދާ ރާއްޖެއަށް ލިބޭނެ ނެޓް އިންވެސްޓްމަންޓްކަމަށް އެފަރާތްތަކުން ވަނީ ފާަހަގަކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists