ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ވެސްޓް ޕާކު ސަރަހައްދުގެ މަގުގެ އެއް ފަޅި މިރޭ ބަންދުކުރާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން އެ ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި މަސް މާރުކޭޓާ ހިސާބުން ޖުމްހޫރީ މައިދާނާއި ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި މަގު ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅާފައިވެއެވެ. އެމްޓީސީސީން ވަނީ ދެވަނަ ފިޔަވަހީގައި މަސް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ދެމެދު މަގު ފުޅާކޮށް ނިންމާފައިވެއެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި ބޮޑުތަކުރުފާނު މަގުގެ ގާތައް އެންމެ ބޮޑަށް މުގުރި ހަލާކުވެފައި އޮތް އެމްޕީއެލް ސަރަހައްދުގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.
މި ސަރަހައްދު ތަރައްޤީކުރުމާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ބަނދަރުގެ ތޮއްޖެހުމަށް ދާއިމީ ޙައްލެއް ހޯދުމަށް ހިންގާ އެ މަޝްރޫޢުގެ ދަށުން 11 ނޮވެމްބަރު 2027 ގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists