އެމެރިކާގެ އެއާޕޯޓެއްގައި އިންޑިއާއަށް ދަތުރުކުރާ ގިނަ އަދަދެއްގެ ފަސިންޖަރުން ވީލްޗެއާގައި ކިޔޫ ހަދާފައި ތިބި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ވައިރަލްވެ ވީލްޗެއާ ޚިދުމަތް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތާ އެކު ބޮޑު ބަހުސެއް ފެށިއްޖެއެވެ.
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މާ ގިނައިން ވީލްޗެއާ ޚިދުމަތަށް އެދުމުގެ ސަބަބުން އެއާޕޯޓުތަކުގެ މަދު ވަސީލަތްތަކަށް ބާރުބޮޑުވެ ހަޤީޤަތުގައި އެ ޚިދުމަތް ބޭނުންވާ ފަސިންޖަރުންނަށް އެ ޚިދުމަތް ނުލިބެއެވެ.
ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެއާޕޯޓުގައި ފަސޭހައިން ދަތުރުކުރެވި، ކިޔޫ ކުރުވެ، އަދި އިސްކަން ދީގެން ބޯޑިން ލިބޭތީ ވީލްޗެއާ ޚިދުމަތަށް ނުހައްގުން ހޯދާ މީހުން ތިބެއެވެ.
ނަމަވެސް ބައެއް މީހުންގެ ކިބާގައި ހުންނަ ނުކުޅެދުންތެރިކަން ނުވަތަ ހެލިފެލިވެ އުޅުމުގެ ދަތިކަމަކީ ބޭރުފުށުން ފެންނާނެ ކަންކަމެއް ނޫން ކަމުން، ބަލާބެލުމަށް ފެންނަ މީހެއްގެ ހަޤީޤީ ހާލަތު ވަޒަންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަން އެ ފޮޓޯއަށް ކޮމެންޓްކުރި ބައެއް މީހުން ވަނީ ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists