ދުބާއީގެ ޙާކިމު ޝައިޚު މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމުގެ ކޮއްކޯފުޅު ޝައިޚު އަޙުމަދު ބިން ރާޝިދު އަލް މަކްތޫމު ޢުމުރުފުޅުން 76 އަހަރުގައި މިއަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝައިޚު އަޙުމަދަށް މާތް ﷲ ގެ ދީލަތި ރަޙުމަތް ލައްވައި ޖައްނަތުލް ފިރުދައުސް މިންވަރު ކުރެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުން ވެސް މި ހިތާމައިގައި ބައިވެރިވެ ޝައިޚު މުޙައްމަދާއި ޢާއިލާއަށް އަދި ޔޫއޭއީގެ ރައްޔިތުންނަށް ކެތްތެރިކަމާއި ހެޔޮ ދުޢާ ރައްދުކުރައްވާ ކަމަށެވެ.
ޝައިޚު އަޙުމަދު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ދުބާއީ މީޑިއާ އޮފީހުން ބުނެފައިވެއެވެ. އެ އޮފީހުން ބުނީ ރަސްމީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމައި، ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާކަމަށެވެ.
ޝައިޚު އަޙުމަދަކީ ދުބާއީގެ ކުރީގެ ޙާކިމު ޝައިޚު ރާޝިދު ބިން ސަޢީދު އަލް މަކްތޫމުގެ ހަތަރު ދަރިކަލުންގެ ތެރެއިން އެންމެ ހަގު ދަރިކަލުންނެވެ. އެ މަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑެމީ ސޭންޑްހާސްޓުން ތަޢުލީމު ހާސިލުކުރައްވައި ދުބާއީގެ ސެންޓްރަލް މިލިޓަރީ ކޮމާންޑުގެ ކޮމާންޑަރުގެ މަޤާމާއި ދުބާއީ ފުލުހުންގެ ނައިބު ޗެއާމަނުގެ މަޤާމު އަދާކުރައްވައިފައެވެ. މީގެ އިތުރުން އޭއާރުއެމް ހޯލްޑިންގުގެ ގްރޫޕް ޗެއާމަނެއްގެ ގޮތުގައި ޚިދުމަތް ކުރެއްވި އިރު 1960 ވަނަ އަހަރު އަލް ވަޞްލް ސްޕޯޓްސް ކްލަބު އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.
ޔޫއޭއީގެ ރައީސް ޝައިޚު މުޙައްމަދު ބިން ޒައިދު އަލް ނަހުޔާނު ވެސް ވަނީ ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީގެ ޙާކިމަށް ތަޢުޒިޔާ ވިދާޅުވެ ޔޫއޭއީ ބިނާކުރެއްވުމުގައި ޝައިޚު އަޙުމަދު ކުރެއްވި ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists