މީހުންގެ ޑެބިޓްކާޑުތައް ހިފައިގެން ރާއްޖެއިން ބޭރަށްގޮސް ކުރާ ކާޑުގެ މުއާމަލާތްތައް ހުއްޓުވުމަށް ބީއެމްއެލުން ތައްޔާރުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން ރައްޔިތުންނަށް ދެމުންގެންދާ ބޭންކިން ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ބައެއް ހިދުމަތްތަކުގެ އުސޫލްތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން އެހެން މީހުންގެ ދެބިޓް ކާޑުތައް ހިފައިގެންގޮސް ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގުމާއި ޕީއޯއެސްތައް މެދުވެރިކޮށް ކުރާ މުއާމަލާތްތައް ހުއްޓުވުމަށް ނިންމަވާފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ، ބޭންކަށް ލިބޭ ޑޮލަރަށްވުރެ ބޮޑު އަދަދެއް އެގޮތަށް ކުރާ މުއާމަލާތްތަކަށް އެ ބޭންކުން ދައްކަންޖެހޭ ކަމަށާއި، މިހެންވުމުގެ ސަބަބުން ހިދުމަތް ބޭނުންވާ މީހާއަށް ހިދުމަތް ދިނުމަށް ދަތިވާކަމަށެވެ. އެހެންކަމުން ނަހަމަގޮތުގައި ކުރަމުންދާ އެފަދަ މުއާމަލާތްތައް ހުއްޓުވުމަށް މީގެ ފަހުން ރާއްޖެއިން ބޭރަށް އެހެން މީހުންގެ ކާޑުތައް ހިފައިގެން ގޮސް ކުރާ މުއާމަލާތްތައް ދެން ނުކުރެވޭނޭކަމަށް ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ދާދިފަހަކުން މޯލްޑިވްސް އިމިގްރޭޝަނާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފައެވެ. އެގޮތަށް ހިފައިގެންދާ ކާޑުތަކުން ކުރާ މުއާމަލާތްތައް ބީއެމްއެލުން ހުއްޓުވަނީ އިމިގްރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.
ބައެއް ފަރާތްތަކުން އެހެން ބޭފުޅުންގެ ކާޑު ހިއްޕަވައިގެން ވަޑައިގެން ހަމަ އޭޓީއެމުން ފައިސާ ނަގައި ވިޔަފާރި ކުރައްވައިގެންވެސް ބޭނުންފުޅުކުރައްވާ. އެހެންވީމަ މިކަންތައްތައް ހުއްޓިގެންދާނެ. ހުއްޓިގެން ދިއުމާއެކު އޭގެ ފައިދާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގަ ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް
ޝަރީފް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށްވެސް ހާއްސަ ކާޑެއް ތައާރަފްކުރުމަށް ނިންމާފައިވާކަމަށެވެ. ބޭރުގައި ކިޔަވަން އުޅޭ ބައެއް ދަރިވަރުން ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަމުން އަންނަކަން ފާަހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، މި ނިންމުމާއެކު ދަރިވަރުންނަށް ކާޑެއް ލިބި، ދަރިވަރަށް ދީފައި އޮންނަ ބެލެނިވެރިޔާގެ ކާޑު ބެލެނިވެރިއާއަށް ލިބިގެންދާނޭކަމަށެވެ. އެގޮތުން މިއީ ބެލެނިވެރިޔާއަށްވެސް ލިބިގެންދާނޭ ފަސޭހައެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ދަރިވަރު ކާޑު ލިބިގެންދާނީ 1200 ޑޮލަރުގެ ލިމިޓަކާއެކުގައިކަން ޝަރީފް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބީއެމްއެލުން ވަނީ އީ ކޮމާސްގެ ސައިޓްތަކަށް ކާޑު ބޭނުންކުރެވޭ މިންވަރުވެސް ކަނޑައެޅޭ ވަކި ހަމައެއްގައި ބެހެއްޓުމަށް ނިންމާފައެވެ. އެގޮތުން ކޮންމެ މަހަކުވެސް އީކޮމާސްގެ ސައިޓްތަކަށް މުއާމަލާތްކުރެވޭ މިންވަރު ވަނީ 30 ޓްރާންސެކްޝަނަށް ލިމިޓްކުރުމަށް ނިންމާފައެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލުން ބައެއް މުއާމަލާތްތަކުގެ އުސޫލްތަކަށް ބަދަލު ގެނައި ނަމަވެސް، ޑޮލަރު އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކަށް ވަކި ލިމިޓެއްނެތި ބޭނުންކުރެވޭނޭކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists