އެމަނިކުފާނަކީ ވެރިކަމުން މީހުން ބާލަން ދަންނަ ބޭފުޅެއް ކަމަށާ ހަޔާތުގައި މިހާތަނަށް ގިނަ ވެރިންތަކެއް ވެރިކަމުން ބާލާފައިވާނެ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީ ޗެއާޕާސަން ކެންޕެއިންގެ ތެރެއިން ދ.ކުޑަހުވަދޫގައި ރޭ ބޭއްވި ބައްދަލުވުމުގައި ޕާޓީގެ އާއްމު މެންބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން، އެ މެންބަރު ވަނީ، އެ އިންތިޚާބު ކޮންމެ ގޮތަކަށް ނިމުނު ކަމުގައިވިޔަސް 2028 ވަނަ އަހަރުގެ ވެރިކަން އެމްޑީޕީއަށް ހޯދައިދެއްވަން ނަޝީދު މަސައްކަތް ކުރައްވާނަންތޯ ސުވާލުކޮށްފައެވެ. އަދި ކިހާ ވަރަކަށް މަސައްކަތއ ކުރައްވާނަންތޯ ވެސް ވަނީ އަހާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ 2028 ގެ ވެރިކަން އެމްޑީޕީއަށް ހޯއްދަވައިދެއްވަން 24 ގަޑިއިރު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
”24 ގަޑިއިރު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އަޅުގަނޑަށް ޙަޔާތުގައި ކުރަން އެނގޭ ކަމަކީ މީހުން ވެރިކަމުން ބޭލުން. ރައީސް މައުމޫން 30 އަހަރު ވެރިކަމުގައި އިންނެވި. އަޅުގަނޑުމެންނަށް އެކަންވެސް ކުރެވިއްޖެ. ރައީސް ޔާމީން ހުރިހާ ބާރުތަކަކާއެކުގައި އިންނެވި. އަޅުގަނޑުމެންނަށް އެކަންވެސް ކުރެވިއްޖެ. ދެން ތިބޭފުޅުން އެބަ އަޅުގަނޑުގެ މައްޗަށް ތުހުމަތުކުރޭ އަޅުގަނޑުމެންގެ އަމިއްލަ ވެރިކަމެއްވެސް ބަދަލުކުރި ކަމަށް. މިހާރު މިއޮތީ ރައީސް މުޢިއްޒުގެ ވެރިކަން. މިވެރިކަން އަޅުގަނޑުމެންނަށް ބަދަލުކުރެވެންޖެހޭނެ. އެ ބަދަލުކުރުމަށް އަޅުގަނޑާ އެއްވަރަށް މަސައްކަތްލުރާ އެކަކުވެސް ނުހުންނަ ވަރަށް އަޅުގަނޑު މަސައްކަތް ކުރާނަން.“
ނަޝީދު މިހެން ވިދާޅުވެފައުވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ 30އަހަރުގެ ވެރިކަން ނިމި އައީ ނަޝީދުގެ ވެރިކަމެވެ. އެ ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރިން އެމަނިކުފާނުވަނީ އިސްތިއުފާ ދެއްވާފައެވެ.
އެފަހުން ރައީސް ޔާމީންގެ ވެރިކަމަށްފަހުވެސް އައީ އެމްޑީޕީގެ ރައީސް ޞާލިޙްގެ ވެރިކަމެކެވެ. އެ ވެރިކަން ނިމިގެން ދިޔައިރު އެމްޑީޕީ އޮތީ ބައިބައިވެފައެވެ. އެމްޑީޕީއަށް ދެވަނަ ދައުރެއް ނުލިބި، ރައީސް މުޢިއްޒަށް ވެރިކަން ލިބުނީ، ރައީސް ނަޝީދު އިދިކޮޅުގައި އިސްވެ ހުންނަވައި ކުރެއްވި ކުރެއްވި މަސައްކަތުން ކަމަށް އޭރު އެމްޑީޕީން ތުހުމަތު ކުރިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists