ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން އަންނަ ބުދަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން އޮންނާނީ އެ ދުވަހު ހެނދުނު 10 ޖަހާއިރު އިންތިޚާބާ ބެހޭ މަރުކަޒު، ޓްރެއިނިންގ ހޯލުގައި ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެ ނިންމުން ނިންމީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވުމުންނެވެ.
ބައި އިލެކްޝަންގައި ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީން, އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ސޯދިގް (ސޯބެ) އަދި ކޮންގްރެސް ޕާޓީން, ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އެވެ.
ޓިކެޓްދޭނެ ކެންޑިޑޭޓަކު ހޮވަން ކޮންގްރެސް ޕާޓީން ޕްރައިމަރީއެއް ބޭއްވި އެވެ. އެ ޕްރައިމަރީ ކާމިޔާބު ކުރީ ކުރީން އެ ދާއިރާގެ މެންބަރުކަން ކުރި ސިނާން އެވެ. ނަމަވެސް ސިނާން ފަހުން ވަނީ ޓިކެޓް ދޫކޮށްލައްވާފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists