މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގައި އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު ބައިވެރިވާނެ ކަމަށާއި، ނަމަވެސް އެކަން ކުރާނީ އެ ގައުމުން ހުށަހަޅާފައިވާ ޝަރުތުތަކަށް މުބާރާތް ބާއްވާ ގައުމުތަކުން އެއްބަސްވުމުން ކަމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.
އީރާނުން މިކަން ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. މި ނިންމުން ނިންމާފައި މިވަނީ އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މެހްދީ ތާޖްއާ، އެގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅުން އޮންނަ ކަމަށް ބުނެ، މިދިޔަ މަހު ކެނެޑާއަށް އެތެރެވުން މަނާކުރުމާ ގުޅިގެންނެވެ. އައި.އާރު.ޖީ.ސީ އަކީ ކެނެޑާ އާއި އެމެރިކާއިން "ޓެރަރިސްޓް ޖަމާއަތެއް" ގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔެކެވެ.
އީރާނުގެ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2026 ގެ ވޯލްޑް ކަޕުގައި އެގައުމުން ޔަގީނުންވެސް ބައިވެރިވާނެ ކަމަށާއި، ނަމަވެސް އެގައުމުގެ އިސްތިޤުލާލާ، ސަގާފަތާއި، އަދި ގަބޫލުކުރުންތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން މުބާރާތް ބާއްވާ ގައުމުތަކުން ކަންކަން ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.
ފެޑެރޭޝަންގެ ރައީސް މެހްދީ ތާޖް ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމަށް 10 ޝަރުތެއް ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންނަށް ވިސާ ދިނުމާއި، ގައުމީ ދިދައާއި ސަގާފަތަށް އިހުތިރާމްކުރުމާއި، އެއާޕޯޓްތަކާއި ހޮޓާތަކާއި ދަނޑުތަކަށް ދާ މަގުމަތީގައި ސަލާމަތީ ކަންކަން ވަރުގަދަކުރުން ހިމެނެއެވެ.
ޚާއްސަކޮށް، ކުރިން އަސްކަރީ ޚިދުމަތް ފުރިހަމަކޮށްފައިވާ މެހްދީ ތާރޭމީ އާއި އިހްސާން ހާޖްސަފީ ފަދަ ކުޅުންތެރިންނަށް އެއްވެސް ދަތިކަމެއް ނެތި ވިސާ ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނުގެ ކުޅުންތެރިންނަށް މުބާރާތަށް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، އައި.އާރު.ޖީ.ސީ އާ ގުޅުންހުރި ވަފުދުގެ މެންބަރުންނަށް އެމެރިކާއަށް އެތެރެވުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އީރާނުން އެމެރިކާގައި ކުޅެންޖެހޭ މެޗުތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 2026 ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި މުބާރާތުގައި އީރާނު ހިމެނެނީ ގްރޫޕް 'ޖީ' ގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ނިއުޒީލޭންޑް، ބެލްޖިއަމް އަދި މިސްރެވެ.
އީރާނުގެ ފުރަތަމަ މެޗު ޖޫން 15 ގައި ލޮސް އެންޖެލިސްގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ތެރޭގައި އެޓީމު ބޭސް ކުރާނީ އެރިޒޯނާގެ ޓުސަންގައެވެ. އީރާނުން ބުނެފައިވަނީ އެގައުމުން މުބާރާތަށް ކޮލިފައިވީ ހޯދި ކާމިޔާބީތަކުން ކަމަށާއި، އެހެންކަމުން ބޭރުގެ އެއްވެސް ބާރަކަށް އެގައުމުގެ ބައިވެރިވުން ހުއްޓުވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists