ރާއްޖެއިން އަދި މިހާތަނަށް ހެންޓަވައިރަސް ޖެހިފައިވާ އެއްވެސް މީހަކު ފެނިފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީން މިއަދު ބުނީ ހެންޓަވައިރަސް ޖެހިފައިވާ މީހަކު އަދި އޭގެ ކޭހެއް ރެކޯޑްކުރެވިފައި ނުވާކަމަށެވެ. ހެލްތުން ބުނީ، ކަމާބެހޭ އިދާރާތަކުން ބަލިތައް ދެނެގަތުމަށާއި މޮނިޓަރ ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްގެންދާކަމަށެވެ. އަދި މިހާރު ފެންނަން ހުރި މައުލޫމާތަސް ބަލާއިރު، މި ބަލީގެ ސަބަބުން އާންމު ރައްޔިތުންނަށް އޮތް ނުރައްކާ މިވަގުތު ވަރަށް ކުޑަކަމަސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހެލްތު މިނިސްޓްރީން ވަނީ މިބާވަތުގެ ކަންކަމުގައި މީޑިއާތަކުންނާއި އާންމު ރައްޔިތުން، ރަސްމީ އިދާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތަށް އިތުބާރުކުރުމަށް އިލްތިމާސްކޮށްފައެވެ.
ހެންޓާވައިރަސް އިންސާނުންގެ ގަޔަށް އަރަނީ ބަލިޖެހިފައިވާ މީދާ ފަދަ ސޫފިތަކުގެ ކުޑަކަމުދާ އެއްޗެއްސާއި، ނަޖިސް ނުވަތަ ކުޅުގައި ސީދާ އަތްލެވުމުންނެވެ. ހަމަ އެހެންމެ މިފަދަ ސޫފިތައް ދަތްއެޅުމުގެ ސަބަބުން ވެސް އިންފެކްޝަން އުފެދިދާނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މައުލޫމާތު ދޭގޮތުގައި އިންސާނުންގެ ފަރާތުން އިންސާނުންނަށް މި ވައިރަސް ފެތުރޭކަމަށް ރެކޯޑުކުރެވިފައިވަނީ ހަމައެކަނި އެމެރިކާ ބައްރުން ފެނުނު "އެންޑީސް ވައިރަސް" އިންނެވެ. އަދި މިއީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ. އިންސާނުންގެ މެދުގައި މި ބަލި ފެތުރެނީ، އެކުގައި އުޅޭ އާއިލާގެ މީހުން ފަދަ، އެކަކު އަނެކަކާ ގާތްކޮށް އަދި ގިނަ ވަގުތު އެކުގައި އުޅޭ މީހުންގެ މެދުގައެވެ. މިގޮތަށް ބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ބަލީގެ ކުރީކޮޅު، ވައިރަސް ފެތުރުމުގެ ބާރު އެންމެ ގަދަ މަރުހަލާގައެވެ.
ހަންޓަވައިރަހުގެ ވާހަކަ މިފަހުން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ، އާޖެންޓީނާއިން ފުރި ބޯޓެއްގައި ތިބި ބައެއްގެ ގައިން ވައިރަސް ފެނުމާ ގުޅިގެންނެވެ. ބޯޓުގައި ތިބި މީހުންގެ ގައިން ވައިރަސް ފެނުނުކަން ޔަގީންވިއިރު އޭރު އެބޯޓު ވަނީ އެކި މަންޒިލްތަކަށް މަޑުކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists