އިސްތިއުމާރީ އިސްރާއީލުގެ ހައްދުފަހަނައެޅި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު، ޣައްޒާއަށް ދަތުރުކުރި ފްލޮޓިލާގެ އެކްޓިވިސްޓުން ހައްޔަރުކޮށް އެ މީހުންނަށް މަލާމާތްކުރާ ވީޑިއޯ--ފޮޓޯ: އިޓަމާ ބެން ޖީވީއައިއާރު/އެކްސް
ދުނިޔެ
21 May 2026 | 13:49
ފްލޮޓިލާ އެކްޓިވިސްޓުންނަށް އިސްރާއީލުގެ ވަޒީރު މަލާމާތްކުރި ވީޑިއޯއަކާ ގުޅިގެން ޔޫރަފުގެ ވެރިންގެ ފާޑުކިޔުން

އިސްތިއުމާރީ އިސްރާއީލުގެ ހައްދުފަހަނައެޅި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު، ޣައްޒާއަށް ދަތުރުކުރި ފްލޮޓިލާގެ އެކްޓިވިސްޓުން ހައްޔަރުކޮށް އެ މީހުންނަށް މަލާމާތްކުރާ ވީޑިއޯއެއް ޝާއިޢުކުރުމާ ގުޅިގެން ބައިނަލްއަޤުވާމީ ފެންވަރުގައި ވަރުގަދަ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

"ވެލްކަމް ޓު އިޒްރޭލް" ޖަހައިފައިވާ އެ ވީޑިއޯއިން ފެންނަނީ އެތައް އެކްޓިވިސްޓުންތަކެއް އަތް ފަހަތަށް ބަނދެ، ނިތްކުރި ބިންމަތީގައި ޖައްސުވައި ކުޑަކަކޫލައް ތިރިކޮށްފައިވާ މަންޒަރެވެ. ވީޑީއޯގެ ބެކްގްރައުންޑުގައި އިސްރާއީލުގެ ޤައުމީ ސަލާމް ޖަހަމުންދިޔައެވެ.

ބެން ގްވީރު އިސްރާއީލުގެ ދިދައެއް ހިފައިގެން ހައްޔަރީންގެ ތެރޭގައި ހެލިފެލިވެ މަލާމާތްކުރާ މަންޒަރު ވެސް ފެނެއެވެ. މި ވީޑިއޯ އޭނާ ޝާއިޢުކޮށްފައިވަނީ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ގާތްގަނޑަކަށް 50 އުޅަނދު ކަނޑުމަތިން ހުއްޓުވައި، 430 އެކްޓިވިސްޓުން އަޝްދޮދް ބަނދަރަށް ގެންގޮސް ހައްޔަރުކުރި ފަހުންނެވެ.

މި ވީޑިއޯއާ ގުޅިގެން ޔޫރަޕާއި އެ ނޫން ވެސް ޤައުމުތަކުން ވަރުގަދަ ރައްދެއް އިޒްރޭލަށް ދީފައިވެއެވެ. އިނގިރޭސި ޚާރިޖީ ވަޒީރު އިވެޓް ކޫޕާ ވިދާޅުވީ އެ ވީޑިއޯ ފެނިވަޑައިގެން "ހަގީގަތުގައި ވެސް ބިރުގެންފި" ކަމަށާއި، "މީހުންނާ މެދު ޢަމަލުކުރަންވީ ގޮތުގެ އެންމެ އަސާސީ ޤަދަރާއި ކަރާމާތުގެ މިންގަނޑުތައް މި ވީޑިއޯއިން ފުނޑުފުނޑުކޮށްލައިފި" ކަމަށެވެ.

ފަރަންސޭސިވިލާތުން ވަނީ "ބަލައިގަނެވެން ނެތް ޢަމަލުތަކާ" ގުޅިގެން އިސްރާއީލު ސަފީރު ހާޒިރުކޮށްފައެވެ. ސްޕެއިނުން އެ ޢަމަލުތައް ސިފަކުރީ "ބިރުވެރި" ޢަމަލުތަކެއްގެ ގޮތުގައެވެ. އިޓަލީގެ ބޮޑުވަޒީރު ޖޯޖާ މެލޯނީ ވަނީ އިސްރާއީލުގެ ކިބައިން މާފަށް އެދުމަށް ގޮވައިލައްވައިފައެވެ. އަޔަލެންޑުގެ ޚާރިޖީ ވަޒީރު ހެލެން މެކް އެންޓީ ވެސް "ބިރުގެންފި އަދި ސިހިއްޖެ" ކަމަށް ވިދާޅުވެ، އެކްޓިވިސްޓުން ވަގުތުން ދޫކޮށްލުމަށް ގޮވައިލެއްވިއެވެ. ހައްޔަރީންގެ ތެރޭގައި އަޔަލެންޑުގެ ރައީސާ ކެތެރީން ކޮނޮލީގެ ދައްތައެއް ވެސް ހިމެނެއެވެ.

ތުރުކީގެ ޚާރިޖީ ވުޒާރާއިން ބުނީ ބެން ގްވީރު "ނަތަންޔާހޫ ސަރުކާރުގެ ހަރުކަށި އަދި އިންސާނިއްޔަތާ ޚިލާފު ވިސްނުން ދުނިޔެއަށް އަނެއްކާ ވެސް ސާފުކޮށް ދައްކާލައިފި" ކަމަށެވެ.

ބެލްޖިއަމުގެ ޚާރިޖީ ވަޒީރު މެކްސީމް ޕްރެވޯ ވިދާޅުވީ ބެލްޖިއަމް ރައްޔިތުން ހައްޔަރީންގެ ތެރޭގައި އެބަ ތިބިކަމަށާއި، މި ހާލަތު ބަލައިގަނެވެން ނެތްކަމަށެވެ. އިންސާނީ ކަރާމާތުގެ އެންމެ އަސާސީ މިންގަނޑުތައް ވެސް މި ވަނީ މުގުރާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނީއޯ ކޯސްޓާ ވެސް "ބިރުގެންފި" ކަމަށާއި "މި ޢަމަލު އެއްގޮތަކަށް ވެސް ބަލައިނުގަނެވޭ" ކަމަށް ވިދާޅުވެ، ހައްޔަރީން ވަގުތުން ދޫކޮށްލުމަށް ގޮވައިލެއްވިއެވެ.

ޕޯލެންޑުގެ ނައިބު ބޮޑުވަޒީރު ރަދޮސްވާފް ސިކޯރްސްކީ ބުނީ "ޑިމޯކްރެޓިކް ދުނިޔޭގައި ބަންދުގައި ތިބި މީހުންނަށް އިހާނެތިކޮށް ހިތައި، މަލާމާތެއް ނުކުރާނެ" ކަމަށާއި ޕޯލެންޑު ރައްޔިތުންނާ މެދު ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުން އެދޭ ކަމަށެވެ.

ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ވަނީ އިސްތިއުމާރީ އިސްރާއީލު ކުށްވެރިކޮށް، މި ހާދިސާ ވަކި ހާދިސާއެއްގެ ގޮތުގައި ނުބެލުމަށް ދުނިޔެއަށް ގޮވައިލައިފައެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލާ ގުޅުން ބާއްވާ ޤައުމުތަކުގެ ރައްޔިތުން ހިމެނޭ އެކްޓިވިސްޓުންނަށް މުޅި ދުނިޔެ ކުރިމަތީގައި ކުރި އިހާނެތި ޢަމަލުން، އަހަރުތަކެއް ވަންދެން އިސްތިޢުމާރާއި ނަސްލީ ތަފާތުކުރުމުގެ ދަށުގައި ފަލަސްޠީނު ރައްޔިތުން ތަޙައްމަލުކުރަމުންދާ އަނިޔާތަކުގެ ބޮޑުމިން ސާފުކޮށް ހާމަވާ ކަމަށެވެ. 

އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ބުނީ "ޓެރަރިޒަމަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް މިއަދު ޙަރަކާތްތެރިވި ޖަމާޢަތްތަކުގެ ވެރި ވަޒީރަކަށް ވީތީ ފަޚުރުވެރިވަން" ކަމަށެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ގާތްގަނޑަކަށް 50 އުޅަނދު ތުރުކީން ފުރީ މިދިޔަ ހަފުތާގައެވެ. 2007 ވަނަ އަހަރުން ފެށިގެން ޣައްޒާ ވަނީ އިސްތިއުމާރީ އިސްރާއީލުގެ ފުރިހަމަ ޙިޞާރެއްގެ ދަށުގައެވެ. ޣައްޒާ ހަނގުރާމައިގެ ތެރޭގައި ކާބޯތަކެއްޗާއި، ބޭހާއި، ޒަރޫރީ ތަކެތީގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެ، އެހީ ފޯރުކޮށްދިނުން ބައެއް ފަހަރު އެއްކޮށް ހުއްޓާލާފައި ވެސް ވެއެވެ. މީގެ ކުރިން މިދިޔަ މަހު ވެސް ފްލޮޓިލާއެއް ގްރީސް ކައިރިން ހުއްޓުވައި، ގިނަ އެކްޓިވިސްޓުން ޔޫރަޕަށް ފޮނުވައިލެވުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.