ބަކިންހަމް ޕެލެސް
ދުނިޔެ
29 Jun 2026 | 09:18
ބަކިންގަމް ގަނޑުވަރު މަރާމާތަށް ފަހު ވެސް ޗާލްސް ރަސްގެފާނު އެތަނުގައި ދިރިނޫޅުއްވާނެ: ރިޕޯޓް

ބަކިންގަމް ގަނޑުވަރުގެ 10 އަހަރު ދުވަހުގެ ބޮޑު މަރާމާތު އަންނަ އަހަރު ނިމުމުން ވެސް އިނގިރޭސި ރަސްގެފާނު ޗާލްސް އެ ގަނޑުވަރުގައި ދިރިނޫޅުއްވާނެ ކަމަށް ޝާހީ އޮފިޝަލުން ބުރާސްފަތި ދުވަހު ހާމަކުރައްވައިފިއެވެ.

މި ނިންމެވުމާ އެކު 1837 ވަނަ އަހަރު ރާނީ ވިކްޓޯރިއާގެ ދައުރުން ފެށިގެން ގާތްގަނޑަކަށް ދެ ގަރުނު ވަންދެން އިނގިރޭސި ރަސްކަމުގެ މައި ގެކޮޅުގެ ގޮތުގައި ބޭނުންކުރަމުން އައި ސިލްސިލާ ނިމުމަކަށް އަންނާނެއެވެ.

ޗާލްސް ރަސްގެފާނު ނިންމަވާފައި ވަނީ ކުރިން ވެސް ދިރިއުޅުއްވަމުން ގެންދެވި ކްލެރެންސް ހައުސްގައި ދެމިހުންނެވުމަށެވެ. ކްލެރެންސް ހައުސް އަކީ ބަކިންގަމް ގަނޑުވަރާ ކައިރީގައި ހުންނަ ޗާލްސް ޒަމާނުއްސުރެ ދިރިއުޅުއްވަމުން ގެންދެވި ލަންޑަންގެ ގެކޮޅެވެ. ބަކިންގަމް ގަނޑުވަރުގެ 369 މިލިއަން ޕައުންޑް (487 މިލިއަން ޑޮލަރު) ގެ ބޮޑު މަރާމާތުގެ މަސައްކަތް 2017 ވަނަ އަހަރު ފެށިއިރު އެ ގަނޑުވަރު ރަސްކަމުގެ މައި ގެކޮޅުގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އޮފިޝަލުން އޭރު ލަފާކުރެއްވިއެވެ. މި މަރާމާތުގައި ހިމެނެނީ ގަނޑުވަރުގެ ބާވެފައިވާ ކަރަންޓު ވައިރިން ހޮޅިތައް އަދި ހީޓިން ސިސްޓަމް ބަދަލުކުރުމެވެ.

ރަސްގެފާނުގެ ޚަޒާންދާރު ކީޕާ އޮފް ދަ ޕްރިވީ ޕާސް ޖޭމްސް ޗާލްމާޒް ވިދާޅުވީ ބަކިންގަމް ގަނޑުވަރު ރަސްމީ ހަފުލާތަކާއި ދައުލަތުގެ ޒިޔާރަތްތައް ބާއްވާ މައި މަރުކަޒުގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

"އެއީ އަދި ކުރިއަށް އޮތް ތަނުގައި ވެސް ރަސްކަމުގެ ހެޑްކުއާޓާޒް އަޅުގަނޑުމެންގެ ޤައުމީ ޢިމާރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޢިމާރާތް." ކަމަށް ޗާލްމާޒް ނޫސްވެރިންނަށް ވިދާޅުވިއެވެ.

ރާނީ އެލިޒަބަތު ވެސް 2019 ވަނަ އަހަރުން ފެށިގެން ބަކިންގަމް ގަނޑުވަރުގައި ރޭގަނޑު ނޫޅުއްވައެވެ. ނަމަވެސް އެ ގަނޑުވަރުގައި ޕްރައިވެޓް ކޮޓަރިކޮޅުތައް ބެހެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ އަހަރަކު ގާތްގަނޑަކަށް 700000 މީހުން ގަނޑުވަރަށް ޒިޔާރަތްކުރާ ކަމަށާއި ޢާންމުންނަށް ވަދެވޭ ގޮތް އިތުރަށް ފުޅާކުރައްވާނެ ކަމަށް ޗާލްމާޒް ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ހަމައެއާ އެކު ޗާލްސް ރަސްގެފާނު 2024/25 ވަނަ އަހަރު ޓެކުހުގެ ގޮތުގައި 12.9 މިލިއަން ޕައުންޑް (17 މިލިއަން ޑޮލަރު) ދެއްކެވި ކަން ފުރަތަމަ ފަހަރަށް ރަސްމީކޮށް ހާމަކޮށްފައިވެއެވެ. މި ޢަދަދާ އެކު ރަސްގެފާނު ހިމެނިވަޑައިގަންނަވަނީ އިނގިރޭސިވިލާތުގެ އެންމެ ގިނައިން ޓެކްސް ދައްކާ 100 މީހުންގެ ތެރޭގައެވެ. ޗާލްމާޒް ވިދާޅުވީ 2023/24 ވަނަ އަހަރު ރަސްގެފާނު ޓެކުހުގެ ގޮތުގައި 11.7 މިލިއަން ޕައުންޑް ދެއްކެވި ކަމަށާއި 2022 ވަނަ އަހަރު ރަސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޖުމްލަ 30 މިލިއަން ޕައުންޑަށް ވުރެ ގިނައިން ޓެކްސް ދައްކަވާފައިވާ ކަމަށެވެ.

ޤާނޫނީ ގޮތުން އިނގިރޭސި ރަސްގެފާނު އިންކަމް ޓެކުހާއި ކެޕިޓަލް ގެއިންސް ޓެކުހާއި ވާރުތަ ޓެކްސް ދެއްކެވުން ލާޒިމެއް ނޫނެވެ. ނަމަވެސް ޗާލްސް ރަސްގެފާނު 1993 ވަނަ އަހަރުން ފެށިގެން ރާނީ އެލިޒަބަތު ކަންތައް ކުރެއްވި ފަދައިން އަމިއްލަފުޅަށް އިޚުތިޔާރީ ގޮތެއްގައި ޓެކްސް ދައްކަވަމުން ގެންދަވައެވެ. 2022 ވަނަ އަހަރު ރާނީ އެލިޒަބަތު އަވަހާރަވި ފަހުން ޝާހީ ޢާއިލާގެ މާލީ ކަންކަމާ މެދު ބެލުންތެރިކަމާއި ފާޑުކިޔުން އިތުރުވެފައިވާއިރު ޝާހީ ޢާއިލާގެ ބޭފުޅުން ވަނީ މާލީ ކަންކަމުގައި އިތުރު ހާމަކަމެއް ގެނައުމަށް ވަޢުދުވެވަޑައިގެންފައެވެ.

ޗާލްސް ރަސްގެފާނު

ޗާލްސް ރަސްގެފާނަށް އާމްދަނީ ލިބިވަޑައިގަންނަވަނީ 1399 ވަނަ އަހަރުން ފެށިގެން ކޮންމެ ރަސްކަލަކަށް ވެސް ލިބެމުން އަންނަ ޑަޗީ އޮފް ލެންކެސްޓާ އެސްޓޭޓުން ކަމަށާއި 2025/26 ވަނަ އަހަރު އެ ގޮތުން 25.2 މިލިއަން ޕައުންޑް ލިބިވަޑައިގަންނަވާނެ ކަމަށް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ރަސްގެފާނަށް ސަރުކާރުން ސޮވެރިން ގްރާންޓް ލިބިވަޑައިގަންނަވައެވެ. އެއީ ކްރައުން އެސްޓޭޓުގެ ފައިދާގެ ނިސްބަތަކުން ދެވޭ ފައިސާއެކެވެ. އެ ގްރާންޓް 2024/25 ގައި 86 މިލިއަން ޕައުންޑުން 2025/26 ގައި 132 މިލިއަން ޕައުންޑަށް ވަނީ އިތުރުވެފައެވެ. 2026/27 ގައި 137.9 މިލިއަން ޕައުންޑް ކަމަށް ހަމަޖެހިފައިވެއެވެ. އޮފްޝޯ ވިންޑް ފާމް ލައިސެންސް ވިއްކައިގެން ލިބުނު ފައިދާ އިތުރުވުމުގެ ސަބަބުން ގްރާންޓް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

ނަމަވެސް ޗާލްމާޒް ވިދާޅުވީ ރަސްގެފާނުގެ އެދިވަޑައިގަތުމާ އެއްގޮތަށް 2027/28 ވަނަ އަހަރު ގްރާންޓް ފުރަތަމަ ފަހަރަށް 100 މިލިއަން ޕައުންޑަށް ކުޑަކުރެވޭނެ ކަމަށެވެ. އަދި 2031/32 ވަނަ އަހަރާ ހަމައަށް އެ މިންވަރުގައި ހިފެހެއްޓޭނެ ކަމަށެވެ. 2016 ވަނަ އަހަރު ބަކިންގަމް ގަނޑުވަރުގެ މަރާމާތަށް ފައިސާ ހަމަޖެއްސުމަށް ފަންޑިން ފޯމިއުލާ ބަދަލުކުރިއިރާ އަޅައިބަލާއިރު މި ޢަދަދު ގާތްގަނޑަކަށް 60 މިލިއަން ޕައުންޑް ބޮޑެވެ. "މިއީ ބްލޭންކް ޗެކެއް ނޫން" ކަމަށާއި ފައިސާ ނިސްބަތާ ހަމައެއްގައި ހުންނަކަން ކަށަވަރުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރި ކަމަށް ޗާލްމާޒް ވިދާޅުވިއެވެ.

ޝާހީ ޢާއިލާގެ މާލީ ކަންކަމާ ގުޅޭ ފާޑުކިޔުންތައް ވެސް ވަނީ ފެންމަތިވެފައެވެ. 2024 ވަނަ އަހަރު މީޑިއާ ތަޙުގީގުތަކުން ހާމަވި ގޮތުގައި ޑަޗީ އޮފް ލެންކެސްޓާ އާއި ވަލީ ޢަހުދު ޕްރިންސް ވިލިއަމްގެ ޑަޗީ އޮފް ކޯންވޯލް އެސްޓޭޓުން އިނގިރޭސިވިލާތުގެ ޞިއްޙީ ޚިދުމަތާއި ސިފައިންނާއި ސްކޫލްތަކުގެ އަތުން ކުލި ނަގަމުންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ