ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކާ މިންވަރު ފާއިތުވި 30 މަސްދުވަހުގެ ތެރޭގައި އާދަޔާ ހިލާފަށް އިތުރުވެފައިވާކަން އެ ބޭންކުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ބީއެމްއެލްއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 އާ ހަމައަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައެވެ. މިއީ ޖުލައި 2021 އިން ޑިސެމްބަރު 2023 އާ ހަމައަށް ވިއްކާފައިވާ 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު %77 އިތުރު އަދަދެކެވެ.
މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޑޮލަރު ވިއްކި މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވަނީ ދިވެހި ރުފިޔާ އެކައުންޓުތަކާ ގުޅިފައިވާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށެވެ. މިގޮތުން، ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތައް ވަނީ ކުރީގެ 30 މަސްދުވަހާ އަޅައިބަލާއިރު %102 އިތުރުވެފައެވެ. 2021 ވަނަ އަހަރު މި ދާއިރާއަށް މަހަކު އެވްރެޖްކޮށް 11 މިލިއަން ޑޮލަރު ހޭދަކުރިއިރު، މިހާރު މަހަކު އެވްރެޖްކޮށް 38 މިލިއަން ޑޮލަރު ބޭންކުން ދޫކުރެއެވެ.
ދާއިރާތަކުން ޑޮލަރު ދޫކުރި މިންވަރުގެ ތަފްސީލު:
ޓީޓީ އާއި ރެމިޓެންސް: ވިޔަފާރިތަކުގެ ބޭނުމަށް ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު ވަނީ 296 މިލިއަން ޑޮލަރުން 422 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ %43 ގެ ކުރިއެރުމެކެވެ.
ތައުލީމާއި ބޭސްފަރުވާ: މި ދާއިރާއަށް ދޫކުރި ޑޮލަރުގެ އަދަދު ވަނީ 76 މިލިއަނުން 143 މިލިއަނަށް (%88) އިތުރުވެފައެވެ.
ދަތުރުވެރިންނަށް ވިއްކި ނަގުދު ފައިސާ: ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކަށް ވިއްކި ޑޮލަރުގެ އަދަދު ވަނީ 155 މިލިއަނުން 264 މިލިއަނަށް (%70) އިތުރުވެފައެވެ.
ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ 2021 ވަނަ އަހަރު މަހެއްގެ މައްޗަށް ވިއްކި 21 މިލިއަން ޑޮލަރާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ބީއެމްއެލްއިން ޖުމްލަ 2.7 ބިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައިވާއިރު، މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ފަހުގެ 30 މަސްދުވަހެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists