މެދުއިރުމަތީގެ މަޝްރަހް ގޯސްވަމުންދާތީވެ އެސަރަހައްދުގެ ޤައުމުތަކުގައިތިބި ދެކުނު ކޮރެއާގެ ރައްޔިތުން އެނބުރި ޤައުމަށް އައުމަށް އެޤައުމުގެ ސަރުކާރުން އަންގައިފިއެވެ.
ދެކުނު ކޮރެއާގެ ހާރިޖިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ޤައުމުތަކަށް ކުރު މުއްދަތަށް ޒިޔާަރތްކޮށްގެން އުޅޭ އެޤައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް އައުމަށް އެދޭކަމަށެވެ. ދެކުނު ކޮރެއާގެ ހާރިޖިއްޔާގެ ނައިބެއް ކަމަށްވާ ކިމް ޖީނާ ވިދާޅުވީ، މި ފިޔަވަޅު އެޅުމަށް ނިންމީ މެދުއިރުމަތީގެ މަޝްރަހް މިވަގުތު އޮތްގޮތުންކަމަށެވެ. އެގޮތުން މިދިޔަ މާޗު މަހުން ފެށިގެން މެދުއިރުމަތީގެ ގިނަ ގައުމުތަކަކީ "ލެވެލް 3" ގެ ޓްރެވަލް އެޑްވައިޒަރީ (ކޮންމެހެން ދާންޖެހިގެން މެނުވީ ދަތުރު ނުކުރުމަށް އަންގާ އިންޒާރު) ނެރެފައިވާ ގައުމުތަކަކަށް ވާތީ، ކޮންމެހެން މަޑުކުރަންޖެހޭ ފަދަ މުހިންމު ސަބަބެއް ނެތްނަމަ އެނބުރި ޤައުމަށް ދަތުރު ފެށުމަށް އޭނާ ވަނީ އެދިފައެވެ.
މިކަމާ ގުޅިގެން ދެކުނު ކޮރެޔާގެ ފޮރިން މިނިސްޓްރީން ވަނީ އީރާނާއި އިޒްރޭލުގައި ހުރި އެ ގައުމުގެ އެމްބަސީތައް ހިމެނޭހެން 17 ޑިޕްލޮމެޓިކް މިޝަނެއްގެ އިސްވެރިންނާ އާދީއްތަ ދުވަހު ބައްދަލުވުންތައް ކުރިއަށްގެންގޮސްފައެވެ. މި ބައްދަލުވުމަކީ މެދުއިރުމަތީގައި ތިބި ކޮރެޔާގެ ރައްޔިތުންނާއި އެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް މުރާޖައާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މެދުއިރުމަތީގެ މައްސަލާގައި ކިމް ޖީނާ ވަނީ ޔަމަނުގެ ހޫތީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު އުފެދިފައިވާ އަސްކަރީ ހަމަނުޖެހުންތަކާ ގުޅިގެން، ރަތްކަނޑުގައި ދަތުރުކުރާ ކޮރެޔާގެ އުޅަނދުފަހަރުގެ ސަލާމަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ގޮވާލައްވާފައެވެ.
އިންޑިއާ ސަރުކާރުންވެސް ވަނީ އެ ގައުމުގެ ރައްޔިތުން އީރާނުގެ މަސްރަހު ރަނގަޅުވަންދެން އެ ގައުމަށް ދަތުރުކުރުން ފަސްކުރުމަށް އަންގާފައެވެ. އީރާނުގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު އައު އިރުޝާދެއްގައި، މިވަގުތު ލިބެންހުރި ވައިގެ ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކޮށްގެން ވަގުތީ ގޮތުން އީރާނުން ބޭރަށް ދިއުމަށް ރައްޔިތުންނަށް ލަފާދީފައިވެއެވެ.
ހަމައެއާއެކު، އުރުދުންގައި ތިބި އިންޑިއާގެ ރައްޔިތުންވެސް ސަމާލުވެ ތިބުމަށާއި، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށް އުރުދުންގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.
ނިމިދިޔަ މަހު ޕާކިސްތާނު މެދުވެރިވެގެން އެމެރިކާއާއި އީރާނާ ދެމެދު ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކުރި ނަމަވެސް، ހޯމޫޒް ކަނޑުއޮޅީގައި މިދިޔަ ހަފުތާގައި ދެފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރުމާ ގުޅިގެން މަސްރަހު އަނެއްކާވެސް ވަނީ ނުތަނަވަސްވެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists