ދިވެހިންގެ ހިތުގައި ރައީސް ޔާމީނަށް އޮތް ލޯތްބަށް ބަދަލެއް ނާންނާނެ: އަދުރޭ

21 Jul 2019 | 22:02

ދިވެހިންގެ ހިތްތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޮތް ލޯތްބެއް ގެއްލިގެންނުދާނޭކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ރައީސް ޔާމީނަށް ދިވެހިންގެ ހިތުގައި އުފެދިފައި އޮތް ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާންނާނެކަމަށާއި އެމަނިކުފާނު މިގައުމަށް ކޮށްދެއްވި ހިދުމަތް ރައްޔިތުންނަށް އެނގޭކަމަށެވެ. 

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޝަރީއަތަށް ގެނެސް ހިންގާ ކަންކަން ރައްޔިތުންނަށް ސާފު ވާނެކަމަށެވެ. އަދި އެ ޝަރީއަތަކީ ދާދި އިހަކަށް ދުވަހު އެމަނިކުފާނު ބައިވެރިވި ރެލީއެއް ކާނިވަލުގައި ބޭއްވުމުން އެކަން ސަރުކާރަށް ހަޖަމް ނުވެގެން ހިންގާ ކަންތައްތަކެއްގެ ގޮތުގައި އަދުރޭ ސިފަކުރެއްވިއެވެ.

އަދި އެއީ ސިޔާސީ ޝަރީއަތްތަކެއްގެ ގޮތުގައި އަދުރޭ ވަނީ ފާހަަގަކުރައްވާފައެވެ.

"ކޮންމެ ގޮތެއް ހަދައިގެން ވެސް މިއަދުގެ ސަރުކާރުން އެބަ ބޭނުންވޭ ރައީސް ޔާމީން މި ސިޔާސީ ހަރަކާތްތަކުން އެއްކިބާ ކުރެވޭނެ ގޮތެއް ހޯދަން. އެހެންވީމަ ސިޔާސީ މަސައްކަތްތަކެއް މި ކުރެވެނީ،" އެބޭފުޅާ ވިދާޅުވި އެވެ.

Advertisement

ކޮމެންޓް

Advertisement