ޓެކްނޮލޮޖީގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލު ދައްކުވައިދޭ ގްރެފިކެއް-
ލައިފްސްޓައިލް
27 Jul 2026 | 08:31
ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑުގެ ބައްޓަމަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟

މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރަނީ ސްކްރީންތަކުގެ ކުރިމަތީގައެވެ. ގިނަ ފަހަރަށް އަޅުގަނޑުމެން ކަންބޮޑުވަނީ ފޯނާއި ކޮމްޕިއުޓަރުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކާ މެދުގައެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑުގެ ބައްޓަމަށާއި ފިޒިކަލް ހެލްތަށް އަންނަ ބަދަލުތަކަކީ މާ ނުރައްކާތެރި ބަދަލުތަކެކެވެ.

އެގޮތުން، ސްމާޓްފޯނާއި ކޮމްޕިއުޓަރު ފަދަ ޑިޖިޓަލް ވަސީލަތްތައް ގިނައިރު ބޭނުންކުރުމުގެ ސަބަބުން ކަރާއި މައިބަދައިގެ ބައްޓަމަށާއި ލޮލުގެ ފެނުމަށާއި އަތުގެ ބާރަށާއި ހެލިފެލިވެ އުޅުމުގެ ހުނަރުތަކަށް ނޭދެވޭ އަސަރު ކުރާ ކަމަށް އެންމެ ފަހުގެ ސައެންސް ދިރާސާތަކުން ވަނީ ހާމަވެފައެވެ.

"ޓެކް ނެކް" ނުވަތަ ކަރުގެ މައްސަލަތައް

ސްކްރީނާ ދިމާއަށް ބޯ ތިރިކޮށްގެން ގިނައިރު އިނުމުން ކަރަށް 60 ޕައުންޑްގެ ޕްރެޝަރު ބާރު ކުރެއެވެ. މި ސަބަބާ ހެދި މައިބަދައިގެ ޑިސްކުތަކަށް ގެއްލުންވެ ހުޅުތަކާއި މަސްތައް ބަލިކަށިވެ ފުއްޕާމޭގެ ކެޕޭސިޓީ ދަށްވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި މައްސަލައަށް "ޓެކް ނެކް" ގެ ނަމުން ނަންދީފައިވާއިރު މިއީ ހަށިގަނޑުގެ ބައްޓަމަށް ދާއިމީ ބަދަލު ގެނެސްދޭ ކަމެއް ކަމަށް ވެސް ބުނެއެވެ.

މީގެ ހައްލަކީ ފޯނު ލޮލާ އެއް ހަމައަށް އުފުލައިގެން ހިފެހެއްޓުމެވެ. ސްކްރީން ހުންނަންވާނީ ގާތްގަނޑަކަށް އަތެއްގެ ދިގުމިނަށް މޫނާ ދުރުގައެވެ. އަދި ކޮންމެ 30 މިނެޓަކުން 20 މިނެޓުގެ ބްރޭކެއް ނެގުމުން ވެސް ފައިދާ ކުރާ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާ ދެއެވެ.

ކަރުގައި ރޫ ޖެހުމާ ޓެކް ނެކާ ގުޅުމެއް ވޭތަ؟

އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖް އޮފް ފިޒިޝަންސްގެ ފެލޯ އަދި ހަމުގެ ޚާއްޞަ ޑޮކްޓަރު ޖަސްޓީން ހެކްސްޓޯލް ވިދާޅުވީ "ނަޒަރިއްޔާތުގެ ގޮތުން ބަލާ ނަމަ އެކަން ގަބޫލުކުރެވޭ" ކަމަށެވެ. ނަމަވެސް މި ގުޅުން ސާބިތުކޮށްދޭ ރަނގަޅު ދިރާސާއެއް އަދި ނެތް ކަމަށާއި މައްސަލަ ހައްލު ކުރުމަށް އޮންލައިންކޮށް ވިއްކާ "ޓެކް ނެކް" ހަމުގެ އުފެއްދުންތައް ގަތުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ނަމަވެސް ސްމާޓް ގަޑި ނުނައްޓައި އަބަދު އޮއްބައިގެން ގެންގުޅުމުން ހަމުގެ މައްސަލަތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވައެވެ. "ގަޑީގެ ދަށު ކަހަލަ އަނދިރި ތެތް މާހައުލަކީ ފަންގަސް އާލާވާން ރަނގަޅު ތަނެއް ވީމާ ހަންގަނޑު ހިރުވައި ނުވަތަ އެކްޒީމާ ފަދަ ކަންކަން ކުރިމަތިވެދާނެ" ކަމަށް ހެކްސްޓޯލް ވިދާޅުވެފައިވެއެވެ. ގަޑި ގިނަގިނައިން ނައްޓައި ހަންގަނޑު ދޮވުމަކީ އެކަމުގެ ހައްލެކެވެ.

ލޮލުގެ ފެނުމަށް ކުރާ އަސަރު

ލޮލުގެ ފެނުމުގެ މައްސަލައަށް ބަލާ އިރު، ކައިރި ނުފެނުން (މަޔޯޕިއާ) ވޭތުވެ ދިޔަ އެތައް އަހަރެއްގެ ތެރޭ ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. ނަމަވެސް އެމެރިކާގެ އޮހައިއޯ ސްޓޭޓް ޔުނިވާސިޓީގެ އޮޕްޓޮމެޓްރީ ޕްރޮފެސަރު ޑޮނަލްޑް މުޓީ 20 އަހަރަށް ވުރެ ދިގު ދިރާސާއެއް ކުރެއްވުމަށް ފަހު ވިދާޅުވީ ފޯނު ފަދަ ކައިރި އެއްޗެއްސަށް ބެލުމާއި މަޔޯޕިއާއާ ސީދާ ގުޅުމެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ބޭރުގައި ވަގުތު ހޭދަކުރުމުން ލޮލުގެ ދުޅަހެޔޮ ކަމަށް މުހިންމު ކަމެއް ކަމަށް އެ ދިރާސާ ދެއްކިއެވެ.

"ބޭރުގެ ގަދަ އަލީގެ ސަބަބުން ރެޓީނާއިން ޑޯޕަމިން ދޫކުރާ ކަމަށް ބެލެވެނީ. އެކަމުން ލޮލުގެ ތަރައްޤީއަށް ރަނގަޅު އަސަރެއް ކޮށްފާނެ" ކަމަށް މުޓީ ވިދާޅުވެފައިވެއެވެ. ޓެކްނޮލޮޖީގެ ސަބަބުން ގޭގެ އެތެރޭގައި ހޭދަކުރާ ވަގުތު އިތުރުވެ ނުސީދާ ގޮތެއްގައި ލޮލަށް ނޭދެވޭ އަސަރު ކުރާ ކަމަށް މުޓީ ގަބޫލުކުރައްވައެވެ.

އަތުގެ ބާރު ދެރަވުމާއި މޮޓޯ ސްކިލްސް

ދެން އޮތީ އަތުގެ ބާރު ދެރަވުމުގެ ވާހަކައެވެ. ގްރިޕް ސްޓްރެންތަކީ ޖުމްލަ ޞިއްޙީ ދުޅަހެޔޮ ކަމުގެ މުހިންމު ނިޝާނެއް ކަމަށް ބެލެވެއެވެ. ޖަރުމަނުގެ ލައުސިޓްޒް މެޑިކަލް ޔުނިވާސިޓީގެ ޕްރޮފެސަރު ޔޯ‌ހާނެސް ބެލާ ވިދާޅުވި ގޮތުގައި ޖީލުތަކުގެ ދެމެދުގައި ފެންނަ ގްރިޕް ސްޓްރެންތު ދަށްވުމަކީ ހަމައެކަނި އަތް ބަލިކަށިވުމެއް ނޫނެވެ. އެހެނެއް ކަމަކު، އެއީ ޒުވާން ޖީލުތަކުގެ ކުރިމަގުގެ ޞިއްޙަތާ މެދު އިންޒާރުގެ ނިޝާނަކަށް ވެދާނެ ކަމަށެވެ. ގްރިޕް ސްޓްރެންތް ރަނގަޅު ނަމަ، ޓެނިސް ބޯޅައެއް ބާރަށް ފިއްތައި 15 އާއި 30 ސިކުންތާ ދެމެދު ހިފެހެއްޓެން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޖަރުމަނުގެ ރެޖެންސްބާގް ޔުނިވާސިޓީގެ ޕްރޮފެސަރު ސެބެސްޓިއަން ސަގޭޓު ވިދާޅުވާ ގޮތުގައި ސްކްރީން ގިނައިން ބޭނުންކުރުމުން ކްލިކް ކުރުމާއި ސްވައިޕް ކުރުން ފަދަ ކަންކަމުގެ ހުނަރު ރަނގަޅުވިޔަސް ފުޅާ ދާއިރާއެއްގައި ބަލާ ނަމަ ހެލިފެލިވެ އުޅުމުގެ ހުނަރުތަކަށް ނޭދެވޭ އަސަރު ކުރެއެވެ. ޚާއްޞަކޮށް ކުޑަކުދިންގެ ތެރޭ ސްކްރީން ޓައިމް އިތުރުވުމާއި މޮޓޯ ސްކިލް ދަށްވުމާ ގުޅުމެއް ވާ ކަމަށް އޭނާގެ ދިރާސާ ދައްކައެވެ. ސަގޭޓު ލަފާ ދެއްވަނީ ސްކްރީން މަދުކޮށް އޭގެ ބަދަލުގައި ދިރިއުޅުމުގެ ތެރޭ އަތުން ކުރާ ޙަރަކާތްތައް ގިނަ ކުރުމަށެވެ.

ޖުމްލަޓެކްނޮލޮޖީއަކީ މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެކެވެ. ނަމަވެސް، އޭގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި މިއަދު ފިޔަވަޅު އަޅަންޖެހެއެވެ. ސްމާޓް ވޮޗް ފަދަ ތަކެތި އަބަދު އަޅައިގެން ނޫޅުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، އަދި އަތުން ކުރާ މަސައްކަތްތަކުގައި ޝާމިލުވުމަކީ "ޓެކް ބޮޑީ" އަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jul 2026
ސޫރިޔާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ދާން ބޭނުން
ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރި، އެގައުމުގެ މުސްލިމުން ޝަހީދުކުރަމުންދާ ނިރުބަވެރި އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރުމަށް ސޫރިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ރައީސް އަޙްމަދު އަލްޝަރަޢު ވިދާޅުވެއްޖެއެވެ.
27 Jul 2026
ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑުގެ ބައްޓަމަށާއި ފިޒިކަލް ހެލްތަށް އަންނަ ބަދަލުތަކަކީ މާ ނުރައްކާތެރި ބަދަލުތަކެކެވެ.
27 Jul 2026
އެމެރިކާއާއި އީރާނުގެ ހަމަލާތައް މެދުކަނޑާލުމާއެކު ތެލުގެ އަގު 5 އިންސައްތަ ދަށަށް
މި ބަދަލާއެކު، ބްރެންޓް ކުރޫޑްގެ އަގު ފީފާއަކުން 4.89 ޑޮލަރު ނުވަތަ 5.05 އިންސައްތަ ދަށަށް ގޮސް، މިހާރު ހުރީ 91.89 ޑޮލަރުގައެވެ. މިއީ ފާއިތުވި ތިން ހަފުތާގައި އަގު މަތިވަމުން ދިޔުމަށްފަހު، އެއް ހަފުތާ ތެރޭގައި ތެލުގެ އަގު މިހާ ބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. ކުރިން ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކާ ހުރެ ބްރެންޓް ކުރޫޑްގެ އަގު ހުރީ ފީފާއަކަށް 100 ޑޮލަރަށްވުރެ މަތީގައެވެ.
26 Jul 2026
މާލޭ ދެކުނު ފަރާތު ފަޅުން ނިކުންނަށް އުޅުނު ލޯންޗެއް އުރިއްޖެ
ލޯންޗު އުރިފައިވަނީ، އުދަ އެރިވަގުތު ނެރުން ނިކުންނަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ. އެވަގުތު ލޯންޗުގައި 20 އަށްވުރެ ގިނަ މީހުން ތިއްބެވެ.
26 Jul 2026
ނަތަންޔާހޫ އެމެރިކާ ދަތުރާ ގުޅިގެން އީރާނުގެ އިންޒާރެއް
ނަތަންޔާހޫ ވޮޝިންޓަނަށް މާދަމާ ދާއިރު، މި ދަތުރާ ގުޅިގެން މަޝްރަހް ވަނީ އިތުރަށް ގޯސްވެފައެވެ. މި ދަތުރުގެ މައިގަނޑު ވާހަކައަކީ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައެވެ
26 Jul 2026
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފި
އުދަ އަރައި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ
26 Jul 2026
މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
26 Jul 2026
ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ޕިކްޕޯސްޓް ޚިދުމަތް ތަޢާރަފުކޮށްފި
ކުޅުދުއްފުށީ ސިޓީގައި ޕޯސްޓުގެ ޚިދުމަތްތައް ސީނާ ބިލްޑިންގަށް ބަދަލުކޮށް ޕިކްޕޯސްޓް ޚިދުމަތް ފަށާފައިވާއިރު، ކިއުގައި މަޑުނުކޮށް ފަސޭހަ ވަގުތެއްގައި ޕާރުސަލް ބަލައިގަނެވޭނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ.