ޔޫރަޕްގެ ފުޓްބޯޅަ އާ ބެހޭ އިދާރާ، ޔުއެފާއިން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރަން ނިންމައިފިއެވެ.
ޔޫއެފާއިން މިގޮތަށް ނިންމާފައިވަނީ އެ އިދާރާގެ މެންބަރު 55 އެސޯސިއޭޝަނުން ބުރާސްފަތި ދުވަހުގެ މެންދުރުފަހު ބޭއްވި ކުއްލި ބައްދަލުވުމެއްގެ ތެރެއިންނެވެ. މި މައްދަލުވުމުގައި ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރަން ނިންމި މި ނިންމުން ނިންމާފައިވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މިކަމާ ގުޅޭގޮތުން ޔޫއެފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ މިލްކުވެރިކަމުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ބަދަލުކުރުމަށް ފީފާ އިން ހުށަހަޅާފައިވާ ހުށަހެޅުމާ ދެކޮޅު ހަދާ ކަމަށެވެ. މިއީ ފުޓްބޯޅަ ކޮންފެޑަރޭޝަނަކުން ފީފާގެ މުބާރާތެއް ބޮއިކޮޓް ކުރަން ނިންމި ފުރަތަމަ ފަހަރެވެ. ޔޫރަޕްގެ ޓީމުތައް ނުލައި ބާއްވާ މުބާރާތަކަށް އިންވެސްޓަރުން ފައިސާ ހޭދަކުރުމަކީ ނާދިރު ކަމަކަށް ވާތީ، ޔޫއެފާގެ މި ނިންމުމާއެކު އިންފަންޓީނޯގެ މި މަޝްރޫއު ހުއްޓުމަކަށް އަންނާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ.
ޔޫއެފާގެ މި ބޮއިކޮޓްގެ ފުރަތަމަ އަސަރު ފެންނާނީ އަންނަ އޮކްޓޯބަރު މަހު ބާއްވާ 2027 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ކޮލިފައިން ޕްލޭ-އޮފް މެޗުތަކުންކަމަށް ހަބަރުތައް ބުނެއެވެ. މީގެ އިތުރުން، ސެޕްޓެމްބަރު މަހު ޕޮލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕަށް ވެސް މީގެ އަސަރު ކުރާނެއެވެ.
ދެ ގަޑިއިރަށް ދެމިގެންދިޔަ ޔޫއެފާގެ މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް ވަނީ ފީފާގެ ރައީސް އިންފަންޓީނޯގެ މި ރޭވުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. މީގެ ތެރޭގައި އިނގިރޭސި އެފްއޭގެ ޗެއާ އަދި ފީފާގެ ވައިސް ޕްރެޒިޑެންޓް ޑެބީ ހެވިޓް އާއި އެފްއޭގެ ޗީފް އެގްޒެކެޓިވް މާކް ބުލިންހަމް ހިމެނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists