އެމްއޭސީއެލް ސީ ޓު އެއާ ކާގޯ މަސައްކަތުގެ ތެރެއިން- ފޮޓޯ/ އެމްއޭސީއެލް
ހަބަރު
03 Aug 2026 | 09:00
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް މުދާ ގެނައުމަށްފަހު، ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް ފޮނުވުމަށް ފަރުމާކުރެވިފައިވާ ޚިދުމަތެކެވެ. މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މެއި 2024 ގައެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދަނީ އެމްއޭސީއެލް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ބައިނަލްއަޤުވާމީ އެއާލައިންތައް ގުޅިގެން ގާއިމުކޮށްފައިވާ ހަރުދަނާ "ޕޯޓް-ޓު-އެއާޕޯޓް" ވޯކްފްލޯއެއްގެ ދަށުންނެވެ. މިގޮތުން އެންމެ ފުރަތަމަ ކާގޯ ޝިޕްމަންޓް ފޮނުވާފައިވަނީ އެމްޕީއެލް އާއި ޓާކިޝް އެއާލައިންސްގެ އެހީތެރިކަމާއެކުގައެވެ. މިހާރު ޖުމްލަ 17 އެއާލައިނަކުން މި ޚިދުމަތުގެ ދަށުން މުދާ އުފުލުމުގައި ބައިވެރިވެއެވެ.

ވިޔަފާރީގެ މަގުތަކާއި މުދަލުގެ ބާވަތް

މިހާރު އެންމެ ގިނައިން މުދާ އަންނަ މަގުތަކުގެ ތެރޭގައި ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ޓުޓިކޮރިން އަދި މުމްބާއީގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯ ހިމެނެއެވެ. ފާހަގަކޮށްލެވޭ އާ ކަމެއްގެ ގޮތުން، މި ޚިދުމަތް ފެށިފަހުން ފުރަތަމަ ފަހަރަށް ކެމްބޯޑިއާއިން ވެސް މިހާރު ވަނީ ރާއްޖެ މެދުވެރިކޮށް ޓްރާންޝިޕްމަންޓް ކާގޯ ފޮނުވަން ފަށާފައެވެ. މި މަގުން އެންމެ ގިނައިން އުފުލަނީ އަންނައުނު ފަދަ ޖެނެރަލް ކާގޯއެވެ. މި މުދާ މައިގަނޑު ގޮތެއްގައި ފޮނުވެނީ ޔޫރަޕްގެ މާކެޓްތަކަށް ކަމަށްވާ އިޓަލީ، ޖަރުމަނުވިލާތް އަދި ނެދަލޭންޑްސް ފަދަ ގައުމުތަކަށެވެ.

ރާއްޖެއަށް އޮތް ފުރުސަތުތަކާއި ފައިދާ

ސީ-ޓު-އެއާ ޚިދުމަތަކީ ކަނޑު މަގުގެ އަގުހެޔޮކަމާއި ވައިގެ މަގުގެ ހަލުވިކަން އެއްކޮށްލައިގެން ދެވޭ "މިޑްލް ޕާތު" ނުވަތަ މެދު މިންގަނޑުގެ ހައްލެކެވެ. މީގެ ކުރިން މިފަދަ ޚިދުމަތްތަކަށް ދުބާއީ އަދި ސިންގަޕޫރު ފަދަ ހަބްތައް ބޭނުންކުރި ނަމަވެސް، މިހާރު މާލެއަކީ މި ދާއިރާގައި ފާހަގަކޮށްލެވޭ ދޮރާށްޓަކަށް ވަނީ ވެފައެވެ.

ރާއްޖެއަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލަކަށް ވުމުން، ގިނަ އަދަދެއްގެ ވައިޑް-ބޮޑީ ފްލައިޓްތައް ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުކުރުމެވެ. ރާއްޖެއަކީ އެކްސްޕޯޓަށް ބަރޯސާވާ ގައުމަކަށް ނުވާތީ، ރާއްޖެއިން ބޭރަށްދާ ފްލައިޓްތަކުގެ ކާގޯ ޖާގަ ގިނަފަހަރަށް ހުންނަނީ ހުސްކޮށެވެ. މީގެ ސަބަބުން މުދާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ޖާގަ ލިބިގެންދެއެވެ. އަދި އަވަށްޓެރި އެހެން ބައެއް ހަބްތަކާ އަޅާބަލާއިރު، މުދާ ގެނައުމުގައި ރާއްޖެއަށް ވަގުތުގެ ބޮޑު ކުރިއެރުމެއް ލިބެއެވެ. މިސާލަކަށް، ޓުޓިކޮރިންއިން ރާއްޖެއަށް 3 ދުވަހުން، އަދި ކޮލަމްބޯއިން 2 ދުވަހުން މުދާ ގެނެވޭއިރު، އެއާޕޯޓަށް މުދާ ފޯރާތާ 24-48 ގަޑިއިރުގެ ތެރޭގައި ފްލައިޓަށް ބަރުކޮށް ފޮނުވާލެވެއެވެ.

އޮޕަރޭޝަނަލް ކުރިއެރުމާއި ތަފާސްހިސާބު

ޖުލައި 2026 އާ ހަމައަށް ޖުމްލަ 1,478 ޓަނުގެ ޓްރާންޝިޕްމަންޓް ކާގޯ ވަނީ ވީއައިއޭ މެދުވެރިކޮށް ޔޫރަޕާއި އެމެރިކާގެ މަންޒިލްތަކަށް ފޮނުވާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ. އެމްއޭސީއެލްއިން މިހާރުވެސް ދަނީ އެއާލައިންތަކާ ގުޅިގެން މިފަދަ ކާގޯއަކީ "ހައި ޕްރިއޮރިޓީ" މުދަލުގެ ގޮތުގައި ބަލައި، އެއްވެސް ލަސްކަމެއް ނެތްކަން ކަށަވަރުކުރަމުންނެވެ.

މުސްތަގުބަލަށް އޮތް ތަސައްވުރު

ކުރިއަށް އޮތް ފިނި މޫސުމުގެ ދުވަސްވަރު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުވުމާއެކު، ސީ-ޓު-އެއާ ޚިދުމަތް އިތުރަށް ފުޅާވާނެ ކަމަށް އެމްއޭސީއެލްއިން ލަފާކުރެއެވެ. މި ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިންފްރާސްޓްރަކްޗާ އާއި ޓެކްނޮލޮޖީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި އީޑީއެސް މެޝިންތައް ހަރުކުރުމާއި، ސީއީއައިވީ ފާމާ އަދި ފްރެޝް ސެޓިފިކޭޝަން ހޯދުމުގެ މަސައްކަތް ހިމެނެއެވެ. މި ބަދަލުތަކާއެކު ރާއްޖެއަކީ ސަރަހައްދީ ފެންވަރުގައި އިތުބާރު ހުރި ކާގޯ ހަބަކަށް ވެގެންދާނެއެވެ.

ސީ-ޓޫ-އެއާ ކާގޯ އޮޕަރޭޝަނަކީ ރާއްޖޭގެ އިގުތިސާދީ މުސްތަގުބަލަށް އޮތް އުންމީދީ ދާއިރާއެކެވެ. ރާއްޖޭގެ ޖިއޮގްރަފީީ މަގާމާއި އެއާޕޯޓުގެ ވަސީލަތްތަކުގެ ބޭނުން ހިފައިގެން، މިއީ ސަރަހައްދީ ފެންވަރުގައި ރާއްޖެއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ