ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި އެ އިދާރާއާ ދެކޮޅަށް ރޭވިގެން ހިންގާ ބަދުނާމުކުރުމުގެ ޙަރަކާތްތަކެއް ހިނގަމުންދާ ކަމަށް ބުނެ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އެ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.
ޑެއިލީ ޓެލެގްރާފް ނޫހުން ދާދި ފަހުން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފައިވަނީ އިންފަންޓީނޯ ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ދުވަސްވަރު ހިންގެވި ކަމަށް ތުހުމަތުކުރެވޭ ލޯބީގެ ގުޅުމަކާ ގުޅިގެން އެ ގުޅުން ބޭއްވި ފަރާތަށް ޔޫއެފާއިން ފައިސާގެ ބަދަލެއް ދީފައިވާ ކަމަށެވެ. ފީފާގެ ތަރުޖަމާނަކު އެ ނޫހަށް މަޢުލޫމާތު ދެމުން ބުނީ އިންފަންޓީނޯ މި ތުހުމަތުތައް ފުރިހަމައަށް ދޮގުކުރައްވާ ކަމަށާއި އެ ވާހަކަތަކުގައި ޙަޤީޤަތެއް ނެތް ކަމަށެވެ. ފީފާއިން ސިފަކުރާ ގޮތުގައި އެއްވެސް ބިންގަލެއް ނެތް ދޮގު ވާހަކަތަކާއި ހީތަކެއް ޙަޤީޤަތެއްގެ ގޮތުގައި ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މި ދެބަސްވުންތައް އައިސްފައިވަނީ އިންފަންޓީނޯ ކުރިއަށް ނެރުއްވި ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފް.އެފް.އީ) ގެ އިސްލާހީ މަޝްރޫޢާ ގުޅިގެން ޔޫއެފާއާއި ޔޫރަޕުގެ ފުޓްބޯޅަ ޖަމާޢަތްތަކުން ވަރުގަދައަށް ދެކޮޅު ހެދެމުންދާ ދަނޑިވަޅެއްގައެވެ. އެ މަޝްރޫޢުގެ ދަށުން ފީފާގެ ވިޔަފާރިއާއި ޓިކެޓް ވިއްކުމުގެ ޙައްޤުތައް ހިންގުމަށް ވަކި ކުންފުންޏެއް އުފައްދައި 21 އިންސައްތަ ހިއްސާ ޕްރައިވެޓް އިންވެސްޓްމަންޓް ކުންފުންޏަކަށް ވިއްކައިލުމަށް ހުށަހަޅާފައިވެއެވެ. ޔޫއެފާއިން ބުނީ އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސާ ލިސާ ކްލަވެނެސް ވަނީ އިންފަންޓީނޯ އިސްތިއުފާ ދެއްވުމަށް ގޮވައިލައްވައިފައެވެ. ޔޫރަޕުގެ ފުޓްބޯޅަ އިދާރާއިން ވަނީ ފީފާގެ ޙަރަކާތްތައް ބޮއިކޮޓް ކުރުމުގެ ފުރުޞަތު އެބައޮތް ކަމަށާއި އެފް.އެފް.އީ މަޝްރޫޢު އަލުން ނުގެންނާނެ ކަމުގެ ޔަޤީންކަން ނުލިބޭ ކަމަށް ބުނެފައެވެ.
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ. ފީފާއިން އިތުރަށް ތުހުމަތުކޮށްފައިވާ ގޮތުގައި މެންބަރުންގެ ތާއީދު ނެތް ފަރާތްތަކުން ޑިމޮކްރެޓިކް ނިޒާމުގެ ބޭރުން ދޮގު ތުހުމަތުތައް ފެތުރުމުގެ ބޭނުމަކީ ނާޖާއިޒު ފައިދާ ހޯދުމެވެ.
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ޔޫރަޕުން އިންފަންޓީނޯ އާ ދެކޮޅަށް ނިކުތްނަމަވެސްޔޫރަޮޕް ސަރަހައްދުން ބޭރުން އިންފަންޓީނޯއަށް ބޮޑު ތާއީދެއް އެބައޮތެވެ. އެގޮތުން މެކްސިކޯގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އޭނާއަށް ތާއީދުކޮށްފައެވެ. ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ބުނީ ފީފާގެ 211 މެންބަރު ޤައުމުގެ ވޯޓަކުން ނޫން ގޮތަކަށް އިންފަންޓީނޯ ވަކިކުރުމަށް ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅު ހަދާނެ ކަމަށެވެ. އެފްރިކާގެ 54 ޤައުމުގެ ފުޓްބޯޅަ އިދާރާތަކުންވެސް ވަނީ އިންފަންޓީނޯއަށް ފުރިހަމައަށް ތާއީދުކުރަމުންދާނޭކަމަށް ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists