ބްރެޒިލްގެ ފުރަތަމަ ޑިވިޛަންގައި ކޮރިޓީބާ އާއި ޗަޕެކޮއެންސޭ ބައްދަލުކުރި މެޗެއްގައި، ގޯލެއް ޖެހުމަށްފަހު އުފާފާޅުކުރަން އުޅުމުގެ ތެރޭގައި ކޮރިޓީބާގެ ޑިފެންޑަރު ޖޭސީ، ދަނޑު އަރިމަތީގައި އޮތް ބޮޑު ޓަނަލަކަށް ވެއްޓިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ކޮރިޓީބާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައެވެ. ޖޭސީ ގޯލެއް ޖެހުމަށްފަހު، އުފާފާޅުކުރުމަށްޓަކައި ދަނޑު އަރިމަތީގައި ހުރި އިޝްތިހާރު ބޯޑުތަކުގެ މަތިން ފުންމާލި ވަގުތު އޭނާ ވެއްޓުނީ ހާފް-ޓައިމްއަށް ތައްޔާރުވުމުގެ ގޮތުން ހުޅުވާފައި އޮތް ޓަނަލެއްގެ ތެރެއަށެވެ.
ޖޭސީ ވެއްޓުމާއެކު ސެކިއުރިޓީ ގާޑުންނާއި އޭނާގެ ޓީމުގެ ކުޅުންތެރިން ވަނީ އެ ސަރަހައްދަށް ގޮސް އޭނާގެ ހާލަތު ބަލާފައެވެ. ވަގުތުން އޭނާ ޓަނަލުން ނެރެ ފަރުވާ ދިނުމަށްފަހު އަލުން ކުޅުމަށް ނުކުތް ނަމަވެސް، ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކާ ހުރެ ދެ މިނެޓް ތެރޭގައި އޭނާ ވަނީ ދަނޑުން ބާލާފައެވެ.
މި ހާދިސާ އިތުރަށް ހިތާމަވެރިވީ، ޖޭސީ އުފާފާޅުކުރި ގޯލަކީ ވީއޭއާރު އިން ބެލުމަށްފަހު އޮފްސައިޑް ގޯލެއް ކަމަށް ނިންމައި، ރެފްރީ އެ ގޯލު ގަބޫލުނުކުރުމުންނެވެ. ނަމަވެސް މެޗު ނިމުނީ 2-1 އިން ކޮރިޓީބާ މޮޅުވެގެންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ 12 އަހަރު ކުރިންވެސް ކޮރިޓީބާގެ ކޫޓޯ ޕެރޭރާ ސްޓޭޑިއަމްގައި މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ. އެފަހަރު އެ ޓީމުގެ ފޯވާޑް ޖޮއެލް ވެސް ވަނީ ގޯލެއް ޖެހުމަށްފަހު ހަމަ މިގޮތަށް ޓަނަލަކަށް ވެއްޓިފައެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، އެދުވަހު ޖޮއެލްއަށް އެހީތެރިވި ސެކިއުރިޓީ ގާޑަކީ ހޮނިހިރު ދުވަހު ޖޭސީއަށްވެސް އެހީތެރިވި ގާޑެވެ.
މި މެޗުގައި އިތުރު ނުރައްކާތެރި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ. އެއީ ޗަޕެކޮއެންސޭގެ މިޑްފީލްޑަރު މެކްސް އަލްވެސް އޭނާގެ ޓީމުގެ ކުޅުންތެރިއަކާ ޖެހުމުގެ ސަބަބުން، މޭމައްޗަށް ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން އައިސީޔޫގައި ފަރުވާދޭން ޖެހުމެވެ. އޭނާގެ މޭކަށިގަނޑުން ބައެއް ކަށިތައް ބިންދައިގެން ގޮސްފައިވާއިރު، މިހާރު ދަނީ ސާޖަރީއަށްފަހު އައިސީޔޫގައި މޮނިޓަރ ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists