ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދިޔަ "ލޮސްޓް އިން ޓްރާންސިޝަން" ދިރާސާ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ދިރާސާ އިފްތިތާހުކޮށްފައިވަނީ 12 އޮގަސްޓް 2026 ގައި ބޭއްވި ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ "ޕޮލިސީ ޑައިލޮގް" ބައްދަލުވުމުގައެވެ. މި ދިރާސާއަކީ ދިވެހި ދަރިވަރުން ސާނަވީ ތައުލީމު ނިންމައި މަތީ ސާނަވީއަށް ބަދަލުވުމާއި، އަދި މަތީ ސާނަވީ ނިންމުމަށްފަހު މަތީ ތައުލީމަށް ނުވަތަ ވަޒީފާގެ މާހައުލަށް ނުކުތުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އޭގައި ހުރި ފަރަގުތައް ދެނެގަތުމަށް ހެދިފައިވާ މުހިންމު ދިރާސާއެކެވެ.
މި ދިރާސާ ތައްޔާރުކުރުމުގައި ފާއިތުވި 10 އަހަރުގެ ތައުލީމީ ތަފާސްހިސާބުތަކުގެ އިތުރުން، 2،606 ދަރިވަރުންގެ ތަޖުރިބާއާއި، 76 ފޯކަސް ގްރޫޕް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ. މީގެ ތެރޭގައި ދަރިވަރުން، ސްކޫލް ނިންމި ކުދިން، މުދައްރިސުން، ސިޔާސަތު ކަނޑައަޅާ ފަރާތްތައް، ބެލެނިވެރިން އަދި މަތީ ތައުލީމުދޭ މުއައްސަސާތައް ހިމެނެއެވެ.
ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި، ގައުމީ ފެންވަރުގައި ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން ގްރޭޑް 11 އަށް ބަދަލުވަނީ 40 އިންސައްތައަށްވުރެ މަދު ދަރިވަރުންނެވެ. މީގެ އިތުރުން އަތޮޅުތެރެއާއި މާލެއާ ދެމެދު ހުރި ފަރަގުތަކާއި، އަންހެން އަދި ފިރިހެން ކުދިންގެ މެދުގައި ހުރި ތަފާތުތައް މި ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ.
ކިޔެވުން ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކުގެ ގޮތުގައި މާލީ ދަތިތަކާއި، ބައެއް ރަށްރަށުގައި ކިޔެވުމުގެ ފުރުސަތު ނެތުމާއި، ކެރިއަރ ގައިޑެންސްގެ މަދުކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އަދި ވޮކޭޝަނަލް ނުވަތަ މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ހުރި ފުރުސަތުތައް މަދުވުމަކީވެސް ދަރިވަރުން ތައުލީމީ މަރުހަލާއިން ވަކިވާ ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް އައިސްފައިވާ ހެޔޮ ބަދަލުތައް، އޭގެ ތެރޭގައި ގްރޭޑް 11 އަށް ވަނުމަށް ލުއިދިނުމާއި އިތުރު ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލުން ފަދަ ކަންކަން ފާހަގަކުރަމުން، މި ދިރާސާގައި ވަނީ 10 ހުށަހެޅުމެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމާއި، ވަޒީފާގެ ބާޒާރާ ގުޅޭ މަންހަޖެއް އެކުލަވާލުމާއި، މާލީ އެހީތެރިކަން އިތުރުކުރުމާއި، ދަރިވަރުންގެ ކުރިއެރުން މޮނިޓަރ ކުރާނެ ގައުމީ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.
އެމްއެންޔޫއިން ބުނީ، މި ދިރާސާގެ ސަބަބުން ރާއްޖޭގެ ޒުވާނުންނަށް މިއަށްވުރެ ފުރިހަމަ އަދި ހަމަހަމަ ތައުލީމީ ފުރުސަތުތަކެއް ހޯދައިދިނުމަށް ބޭނުންވާ އިލްމީ ހެކިތައް ލިބިގެންދާނެ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists