ތިލަމާލެ އެޅުމުން ދިވެހި ރައްޔިތުންނަށް އެއްވެސް ފަސޭހައެއް ނުވާނެ ކަމަށާ، އަދި އެކަމުން އިގްތިޞާދަށް އެއްވެސް ފައިދާއެއްވެސް ނުކުރާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ތިލަމާލެ ބްރިޖަށް އެމަނިކުފާނު ދެއްވާނީ ”ސުމެއް“ ކަމަށެވެ.
”މި ބްރިޖަކީ ސުމަކުން ފެށޭ ބްރިޖެއް ނޫން. މި ބްރިޖަށް ލިބޭނީ ސުމެއް.“ ޔާމީން ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖުން އެކަނި ކޮށްދެވޭނެ ފަސޭހައަކާ ގުޅިގެން ސުވާލު އުފައްދަވަމުން ޔާމީން ވިދާޅުވީ، ތިލަފުއްޓަކީ ސިނާޢީ މަސައްކަތްކުރާ ތަނެއް ކަމަށާ، އެއީ މުދާ ޕެކް ކޮށް ގުދަންކޮށް ހަދާ ތަނަކަށްވާއިރު ތިލަމާލެ ބްރިޖު އެއާޕޯޓާ ނުގުޅޭ ނަމަ އެއާޕޯޓްގެ ބޭނުންވެސް ނުހިފޭނެ ކަމަށެވެ. އެގޮތުން، އެއާޕޯޓާ ހަމައަށް ނުގުޅޭ ނަމަ މުދާ އެއާކާގޯގައި ފޮނުވަންވެސް ބޭނުން ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
މި ބްރިޖަކީ ދިވެހިރައްޔިތުންނަށް، ދިވެހި ދައުލަތަށް އޮތް ބޮޑު ބޮޑު ލައިބިލިޓީއެއް. މި ބްރިޖު އެކަނި އޮވެގެން ފުދޭ އެއް ކަމެއްވެސް ނެތް. މި ބްރިޖު އެބަޖެހޭ ކޮމްޕްލީޓްވާން… އެހެންކަމުން ދެން އަންނަ ރައީސަކު އެ ބްރިޖު ކޮމްޕްލީޓް ކުރަންޖެހިދާނެ ތޯއްޗެއް. އެކަމު އޭގެ ޒާތުގައި، މި ތިލަމާލެ ބްރިޖު ކޮމްޕްލީޓް ކުރުމަކުން ވާނެ އެއްވެސް ފަސޭހައެއް، އިގްތިޞާދަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް.
ކުރީގެ ރައީސް ޔާމީން
މީގެ އިތުރުން ޔާމީން ވަނީ ތިލަމާލެ ބްރިޖް މަޝްރޫޢުއަށް މިހާރުވެސް 700 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ، އެމަނިކުފާނުގެ ވެރިކަމުގައި އެޅި ސިނަމާލެ ބްރިޖަށް ދައުލަތުން ދައްކަން ޖެހުނީ 78 މިލިއަން ޑޮލަރުކަންވެސް ފާހަގަކުރައްވާފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ފެށީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއެކުގައެވެ.
އެ ބުރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އޯގަސްޓު 2، 2022ގައި ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
ޞާލިޙްގެ ސަރުކާރުގައި ބުރިޖު ނިންމަވާނެ ކަމަށް ވިދާޅުވި ނަމަވެސް މަސައްކަތް ދިގުލައިގެން ގޮސް، އެންމެ ފަހުން ދިން ތާރީޚަކީ 2024 ވަނަ އަހަރުގެ މެދުތެރެއެވެ. އެ ވެރިކަމުގެ ފަހު އަހަރު ކަމަށްވާ 2023ގައި ވިލިމާލެއާއި މާލެ ގުޅައިލެވޭނެ ކަމަށް އޭރު އޮތީ ލަފާކޮށްފައެވެ. އެހެންނަމަވެސް އެ ތާރީޚުތަކަށް މަސައްކަތް ނިމިފައިނުވެއެވެ.
މި ސަރުކާރުން މިދިޔަ މަހު ވަނީ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށް ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists