ރައީސް ބިލެއް ތަސްދީގު ކުރައްވަނީ
ހަބަރު
23 Aug 2026 | 18:16
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި

ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ. އެގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ޤާނޫނަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ވަނީ ތަސްދީގު ކުރައްވާފަ އެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 17 އޮގަސްޓު ވީ ހޯމަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިންނެވެ.

މި ބިލުގެ މަގުސަދަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ. އެގޮތުން، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު އިތުރުކުރުމާއި، މެންބަރުން އައްޔަނުކުރުމާއި، އެ ފަރާތްތަކުގެ ޝަރުޠުތަކާއި، މަޤާމުގެ މުއްދަތަށް މި އިޞްލާހުން ވަނީ ބަދަލުގެނެސްފައެވެ. ކުރިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ އަލަށް އައްޔަނުކުރެވޭ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވާއެކު، ހަތް މެންބަރުންގެ މައްޗަށެވެ. އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަޤާމަށް މީހަކު އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، ބޯޑަށް ޤާނޫނީ ދާއިރާގެ މެންބަރެއް އިތުރުކުރުމާއެކު، ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ އުސޫލުތައް ވަނީ މި އިޞްލާޙުގައި ކަނޑައަޅާފައެވެ.

މި އިޞްލާޙުތަކާ ގުޅިގެން، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް ޢައްޔަންކުރަންޖެހޭ މެންބަރުން، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޢައްޔަންކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ދެވަނަ ބިލެއްގެ ގޮތުން ރައީސް ތަސްދީގު ކުރެއްވީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ދެވަނަ ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

މި ބިލަކީ، 2026 އޯގަސްޓް 17 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މިއީ ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމުގެ ގޮތުން، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމުކޮށް ހިންގުމާ ގުޅޭ އުސޫލުތައް ޤާނޫނު ގައި ބަޔާންކުރުމަށާއި، ޤައުމީ ޕޭމަންޓް ސިސްޓަމްތަކުގެ ގަވަރނަންސް އާއި މޮނިޓަރިންގ ހަރުދަނާކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލެވޭ ބިލެކެވެ.

މި ބިލުގައި، ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމުގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިގެންވާކަމަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، ބެންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ދިވެހިރާއްޖޭގައްޔާއި ރާއްޖެއިން ބޭރުގައި ހިންގާ ޕޭމަންޓް މުޢާމަލާތްތަކުގެ ތެރެއިން، އެމް.އެމް.އޭ.އިން ކަނޑައަޅާ ޕޭމަންޓް މުޢާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަންވާނީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި އެމް.އެމް.އޭ.އިން ކަނޑައަޅާ ސިސްޓަމް މެދުވެރިކޮށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. ހަމަ މިއާއެކު، ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުން، އެމްއެމްއޭ އިން އަންގާ ގޮތެއްގެ މަތިން، އަދި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި މި ސިސްޓަމާ ގުޅި، މުޢާމަލާތްތައް މީގެ ތެރެއިން ރޫޓްކުރަން މަޖުބޫރުވާނެއެވެ. 

މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ވެސް ރައީސް ވަނީ ތަސްދީގު ކުރައްވާފަ އެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިންނެވެ.

މި އިސްލާޙުގައި، ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ޤާއިމުކުރުމާއި، މަރުކަޒުތަކުގައި ހުންނަންވީ މިންގަނޑުތަކާއި، ރައްކައުތެރިކަމާއެކު ކުނި ނައްތައިލުމާ ގުޅޭ އުސޫލުތަކާއި، ގެންގުޅޭ ވަޞީލަތްތަކާ ގުޅުންހުރި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމުގައި، ޤާނޫނު ތަންފީޛު ކުރާ ވުޒާރާއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރަންމަންޓަލް ރެގިއުލެޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތު ތަކަށް ވަނީ އިޞްލާޙުގެންނަވާފައެވެ.

މީގެ އިތުރުން މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ ޚިލާފަށް ކުނި މެނޭޖްކުރުމުގެ ސަބަބުން ތިމާވެއްޓަށް ނުވަތަ ޢާންމު ޞިއްޙަތަށް ނޭދެވޭ އަސަރެއް ކޮށްފި ޙާލަތެއްގައި، އެ ފަދައިން ޢަމަލުކުރާ ފަރާތްތައް، ޖޫރިމަނާ ކުރުމާ ގުޅޭ ގަވާއިދު ހެދުމުގެ ބާރު އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީއަށް ދީ ޤާނޫނަށް އިޞްލާޙު ގެނެސްފައިވެއެވެ.

އަދި، ކުނި މެނޭޖުކުރުމުގެ ޚިދުމަތްތައް ދިނުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި، އެ އުސޫލުތަކާއި މިންގަނޑުތައް ތަންފީޛުކޮށް، އެ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޒިންމާ އާއި، އިޤްތިޞާދީ އަދި/ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަޙައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަޙައްދަކަށް އެކަށީގެންވާ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ދެމެހެއްޓެނިވި ގޮތުގައި ހިންގަމުންދާކަން ކަށަވަރުކުރުމުގެ ޒިންމާ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ވަނީ މަތިކުރައްވާފައެވެ.

މި އިޞްލާޙުގައި، އިންޑަސްޓްރިއަލް މަސައްކަތެއް ކުރާ ތަންތަނުގައި އުފައްދާ ކުނި މެނޭޖުކުރުމުގެ ޕްލޭން އެކުލަވައިލާނެ ގޮތާއި، ތަންފީޛުކުރާނެ ފަރާތްތައް ބަޔާންކޮށްފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށެއްގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ، އިޤްތިޞާދީ / އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށުގައްޔާއި ސަރަހައްދުތަކުގައި އުފެދޭ ކުންޏާއި އުފައްދާ ކުނި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދެވޭނެ ގޮތަށް ކަނޑައަޅައިފައިވެއެވެ.

މީގެ އިތުރުން، ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ނަގާ 2 (ދޭއް) ރުފިޔާ ނެގުން، 50 (ފަންސާސް) ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އަށް އިސްތިސްނާވުން ވަނީ އިޞްލާޙުގައި ހިމަނުއްވާފައެވެ. މިކަމުގެ ސަބަބުން އޭރު ނެގެމުން އައި ޑަބަލް ޓެކްސް ހުއްޓިގެންދާނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، އެއްވެސް ފަރާތަކުން، އެއްވެސް ބާވަތެއްގެ ކުންޏެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. އަދި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ދޫކޮށްފައިވާ ހުއްދައެއް އޮވެގެން މެނުވީ، ނުރައްކާތެރި ކުންޏާއި އެފަދަ ކުނި ހިމެނޭ އެއްވެސް އެއްޗެއް ދިވެހިރާއްޖޭގައި ވިއްކުމާއި، ބޭނުންކުރުމާއި، ޑިސްޓްރިބިއުޓް ކުރުމަކީވެސް ކުށެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ