ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ގޮތްނޭނގޭ ބަޔަކު ދިން ބަޑީގެ ހަމަލާއެއްގައި ސަލާމަތީ އޮފިޝަލަކު މަރުވެ، އަދި އެހެން ހާދިސާއެއްގައި ދިން ގްރެނޭޑް ހަމަލާއެއްގައި 5 ފުލުހުން ޒަޚަމްވެއްޖެއެވެ.
ޕިޝާވަރުގެ ބަދަބޭރު ޕޮލިސް ސްޓޭޝަންގެ ސަރަހައްދުގައި ސައިކަލެއްގައި އައި ގޮތްނޭނގޭ ދެ މީހަކު ވަނީ ކައުންޓަރ ޓެރެރިޒަމް ޑިޕާޓްމަންޓްގެ ސެކިއުރިޓީ އޮފިޝަލަކަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާގައި އޭނާ ވަގުތުން މަރުވިއެވެ. ހަމަލާ ދިނުމަށްފަހު ހަމަލާދިން މީހުން ވަނީ އެ ސަރަހައްދުން ފިލާފައެވެ. ފުލުހުން މިހާރު ދަނީ އެ ސަރަހައްދު ބަންދުކޮށް، އެމީހުން ހޯދުމުގެ އޮޕަރޭޝަނެއް ހިންގަމުންނެވެ.
މުހްމަންދު ޑިސްޓްރިކްޓްގައި ހުންނަ ޕޮލިސް ޕޯސްޓަކަށް ކޮން ބައެއްކަން ނޭނގޭ ދެ މީހަކު ވަނީ އަތުގޮއްވާ ބޮމެއް އެއްލާލާފައެވެ. މި ހަމަލާގައި 5 ފުލުހުން ޒަޚަމްވިއެވެ. ފުލުހުން ރައްދުގައި ބަޑިޖެހުމުން ހަމަލާދިން މީހުން ވަނީ ފިލާފައެވެ. ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists