ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ ސަރަނާން އަވަށުގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ސައިޓެއްގައި ހަމަލާދީ، ޕަންޖާބު ޕްރޮވިންސަށް ނިސްބަތްވާ ފަސް މަސައްކަތްތެރިން މަރާލައިފިއެވެ.
ބަލޮޗިސްތާން ސަރުކާރުގެ ތަރުޖަމާނަކާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަތިޔާރުއެޅި ގުރޫޕަކުން ދިން މި ހަމަލާގައި މަރުވި މީހުންގެ ހަށިގަނޑުތައް އެމީހުންގެ އުފަން ރަށަށް ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
ބަލޮޗިސްތާނުގެ ޗީފް މިނިސްޓަރު ސަރްފަރާޒް ބުގްޓީ ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ. އަދި ޓެރަރިސްޓުންގެ މިފަދަ ފިނޑި އަމަލުތަކުން ސަރުކާރުގެ އަޒުމް ގުޑުވައެއް ނުލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަރަނާން އަވަށަކީ ފަހަކަށް އައިސް ހައްދުފަހަނައަޅާފައިވާ ގުރޫޕްތަކުގެ ހަމަލާތައް އިތުރުވެފައިވާ ސަރަހައްދެއް ކަމަށްވާއިރު، މިދިޔަ ހަފުތާގައިވެސް އެ އަވަށުގެ ފުލުހުންގެ މަރުކަޒަކަށް ހަތިޔާރުއެޅި ބަޔަކު ހަމަލާދީ، ހަތިޔާރާއި ވަޒަން އަދި ދެ އުޅަނދު ފޭރިގެން ގޮސްފައިވެއެވެ.
ބަލޮޗިސްތާނުގައި ހަރަކާތްތެރިވުން މަނާކޮށްފައިވާ ހައްދުފަހަނައެޅި ގުރޫޕްތަކުން އަންނަނީ އެހެން ޕްރޮވިންސްތަކުން އައިސް އުޅޭ މަސައްކަތްތެރިންނަށް އަމާޒުކޮށް ތަކުރާރުކޮށް ހަމަލާތައް ދެމުންނެވެ. އެގޮތުން، މިދިޔަ ޖުލައި މަހު މަޝްކައިލް އަވަށުގެ ބޯކޮށާ ތަނެއްގެ ތެރޭގައި މުލްތާނަށް ނިސްބަތްވާ ފަސް މަސައްކަތްތެރިން މަރާލާފައިވާއިރު، ނަސީރާއާބާދު ސަރަހައްދުން އެހެން ޕްރޮވިންސްތަކުގެ ހަ މަސައްކަތްތެރިއަކު ރަހީނުކުރުމަށްފަހު މަރާލާފައިވަނިކޮށްވެސް ވަނީ ފެނިފައެވެ. ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ސަލާމަތީ ބާރުތަކުން ވަނީ މިފަދަ ގުރޫޕްތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists