ނިމިގެންދިޔަ 2025 ވަނަ އަހަރު ނިމުނުއިރު މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
ދައުލަތުގެ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުގެ މިދިޔަ އަހަރުގެ އެންމެ ފަހު ހަތަރުމަހުގެ މާލީ ބަޔާނުގެ އޮޑިޓަށް ބަލާއިރު، އެ އަހަރު ނިނުނުއިރު ޓްރަސްޓް ފަންޑްގައި ހުރިކަމަށް ދައްކަނީ، 149.2 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އެ ފަންޑަށް 132.8 މިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ. އަދި އިޖުތިމާއީ ޒިންމާގެ ގޮތުގައި 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނެވެ.
ފަންޑުން ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު ކުރި ހޭދަ އުޅެނީ 8.5 މިލިއަން ރުފިޔާގައެވެ. މި ފައިސާ ހޭދަކޮށްފައިވަނީ، ސަލްޓަން ޕާކް އަދި ޖުމްހޫރީ މައިދާނުގައި ބެހެއްޓިފައިވާ ފައުންޓެއިންތައް ބަދަލުކުރުމާއި، މަރާމާތު ކުރުމަށެވެ. އެ ގޮތުން ފައިސާ ދޫކޮށްފައިވަނީ ހައުސިން މިނިސްޓްރީއަށެވެ. މި ފަންޑަށް މިދިޔަ އަހަރު ލިބެންޖެހޭ ފައިސާގެ ގޮތުގައި 56.8 މިލިއަން ރުފިޔާ އޮތްކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ.
މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑަކީ ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވައި، ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ހިންގާ ހާއްސަ ފަންޑެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists