ހަނދުގެ ދެކުނު ތަނޑީގައި ފެން ހުރިތޯ ބަލަން އިންސާނުންނާ ނުލާ އުޅަނދެއް ފޮނުވުމަށް ޗައިނާއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ހަނދަށް ފޮނުވާ އުޅަނދު އުދުއްސާލުން ފަސްކޮށްފިއެވެ.
ޗާންގް-7 ގެ މިޝަން ފަސްކުރީ އެކަމަށް ބޭނުންވާ ހާލަތު މިވަގުތަށް ތަން ނުދޭތީއެވެ. އެހެންކަމުން ދެން އެ އުޅަނދު ޖައްވަށް އުދުއްސާލެވޭނެކަމަށް ބެލެވެނީ އަންނަ އަހަރުގެ މިހާތަނުގައެވެ. ޗައިނާގެ މޭންޑް ސްޕޭސް އޭޖެންސީން ހާމަކުރި ގޮތުގައި، މި މިޝަން ފަސްކުރަން ނިންމީ ފުރިހަމަ އެސެސްމަންޓަކަށް ފަހު، މި އަހަރު ކަނޑައަޅާފައިވާ ލޯންޗް ވިންޑޯގައި ރޮކެޓް ފޮނުވާލުމަށް ބޭނުންވާ ޝަރުތުތައް ހަމަނުވާތީއެވެ. އަދި މި ނިންމުމަކީ މިޝަންގެ ރައްކާތެރިކަމާއި ކާމިޔާބީ ކަށަވަރުކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.
މިއީ ޗައިނާއިން 2030 ގެ ކުރިން ހަނދަށް އިންސާނުން ފޮނުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގަމުން އަންނަ ޕްރޮޖެކްޓެކެވެ.
އުދުއްސާލުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެ، ހައިނާން ޕްރޮވިންސްގެ ވެންޗަންގް ސްޕޭސް ލޯންޗް ސެންޓަރުގެ ލޯންޗް އޭރިއާއަށް އެ އުޅަނދު ވަނީ ގެންގޮސްފައެވެ.
ޗައިނާއިން ހަނދަށް ފޮނުވާ މިޝަންއެއް ފަސްކުރި އިރު، ހަމަ އެ ޖައްވީ މަރުކަޒުން އުދުއްސާލި ލޯންޗް މާޗް ރޮކެޓެއް މީގެ ދެ ހަފްތާ ކުރިން ވަނީ އުދުއްސާލިތާ ކުޑަވަގުތުކޮޅެއް ތެރޭގައި ގޮވާފައެވެ. ފަސްކުރި މިޝަންގައި ފޮނުވާ ލޫނަރ ޕްރޯބްވެސް އުދުއްސާލުމަށް ހަމަޖެހިފައިވަނީ ލޯންގް މާޗް ރޮކެޓެއްގެ އެހީގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists