ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ހޫނުމިންވެސް އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ.
ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާކަން ފާހަގަކޮށް މެޓް އޮފީހުން ވަނީ އެކަމުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރު ކިޔައިދީފައެވެ.
އެގޮތުން މެޓް އޮފީހުން ބުނީ ، މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށެވެ. ނަމަވެސް، އެންމެ ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމު މިންވަރަށްވުރެ މަދުން ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން މި މުއްދަތުގައި މުޅި ރާއްޖޭގެ ހޫނުމިންވެސް އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ އެލްނީނޯއާ ގުޅޭގޮތުން މެޓް އޮފީހުން ބުނީ، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު މިހާރު ދަނީ އިތުރަށް ގަދަވަމުންނެވެ. އެގޮތުން އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން އާންމު މިންވަރަށްވުރެ 2.0 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައިވާއިރު، ނީނޯ 3.4 އިންޑެކްސް އޮގަސްޓު މަހުގެ މެދުތެރޭގައި ވަނީ 1.8 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ.
ކަނޑާއި ޖައްވުގެ ޙާލަތުންވެސް އެލްނީނޯގެ އަސަރުތައް ފެންނަމުންދާތީ އެ އިދާރާއިން މިކަން ވަރަށް ގާތުން މޮނީޓަރ ކުރަމުންދާ ކަމަށް ބުންޏެވެ.
އެލްނީނޯގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާނެ މައިގަނޑު އަސަރުތަކުގެ ތެރޭގައި:
ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާވުން
ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ނޭދެވޭ އަސަރުކުރުން
ކަނޑުގެ އޮއިވަރާއި ޙާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމަށް ގޮންޖެހުންތައް ކުރިމަތިވުން
Advertisement
This content is created and paid for by advertisers and does not involve Voice Journalists