މާލެ އަތޮޅު ކައުންސިލުން ދޫކޮށްފައިވާ ގިނަ އަދަދެއްގެ ލޯނުތައް އަނބުރާ ނުލިބި ދިގުލައިގެންގޮސްފައިވާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައިމިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު މާލެ އަތޮޅު ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައެވެ. މި ރިޕޯޓްގައި ބުނެފައިވަނީ މާލެ އަތޮޅު ކައުންސިލުން ޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ އަނބުރައި ނުލިބި ދިގު މުއްދަތެއް ހިނގާފައިވާކަމަށެވެ.
ދޫކުރި ލޯނުތަކަށް ބަލާއިރު ތިން ބާވަތެއްގެ ލޯނު ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސުނާމީ ލޯނާއި ނަފާ ލޯނުގެ އިތުރުން މުވައްޒަފުްނގެ ސްކީމް ލޯނުތަކެވެ.
މީގެ ތެރެއިން ސުނާމީ ލޯނުގެ ގޮތުގައި ޖުމްލަ 1.2 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ލޯނަށް ދޫކުރި ފައިސާގެ ތެރެއިން އަނބުރާ ދެއްކި އަދަދެއް ކަށަވަރުކުރެވިފައި ނުވާކަމަށް އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި ދެން ދައްކަންޖެހޭ ވަރަކާއި ލޯނު ނުދެއްކުމުން ޝަރިއަތަށް ހުށަހެޅިކަންވެސް ކައުންސިލް ރެކޯޑްގައި ފެންނަން ނެތްކަމަށް ވަނީ ފާަހަގަކޮށްފައެވެ.
ނަފާ ލޯނުގެ ގޮތުގައި 2.6 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މުވައްޒަފުންގެ ސްކީމް ލޯނަށް 165،000 ރުފިޔާ ވަނީ ދޫކޮށްފައެވެ. މި ލޯނުގެ ޖުމްލަ އިންޓަރެސްޓާއެކު 172،900 ރުފިޔާ އަރާއިރު މި ދެ ލޯނުގެވެސް އެއްވެސް އިތުރު މައުލޫމާތެއް ކައުންސިލް ރެކޯޑްގައި ނެތެވެ.
މިކަމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ވަނީ ދައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ހިދުމަތަކަށް ނުވަތަ އެނޫންވެސް ގޮތަކަށް ދޫކުރި އެއްޗެއް އެކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން މަސްދުވަހުގެ ތެރޭގައި ހޯދުމަށް އެދިފައެވެ. އަދި ދައުލަތުގެ މާލިއްޔަތުގައިވާ ގޮތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޮޑިޓް އޮފީހުން ވަނީ އެތައް ފަހަރެއްގެ މަތިން އެ ލޯނުތަކުގެ މައުލޫމާތު ހޯދުމަށް މާލެ އަތޮޅު ކައުންސިލަށް އެކިފަހަރުމަތިން އެދިފައެވެ. ނަމަވެސް މިހާރު އެކަމަުގެ މައުލޫމާތުވެސް އެނގޭމީހަކު ކައުންސިލްގައި ހުރިކަމަށް ނުވާކަމަށް މައުލޫމާތު ލިބެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists