އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ސްޓެލްކޯ މަހިބަދޫ އިންޖީނުގޭގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް" ފޯރިއާއެކު ފަށައިފިއެވެ.
މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ލިލީ ބީޗް ރިޒޯޓް އެންޑް ސްޕާގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް ޢަލީ އަޝްރަފެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ގްރޫޕް އޭ އިން ވާދަކުރީ އާރްޑީސީ، ސީ އެމްބިއުލާންސް، ސްޓޭޓް ފާމަސީ އަދި އާސަންދަ ގުޅިގެން ނެރުނު ކޮމްބައިން ޓީމު (ރޯޑް އެސްއެސްއޭ) އާއި އެލްޖީއޭ އދ. އަތޮޅު ގޮފީގެ ޓީމެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ރޯޑްއެސްއެސްއޭ ޓީމެވެ. މެޗުގެ ފުރަތަމަ ސެޓު 25-21 އިން ރޯޑްއެސްއެސްއޭ އޭ ގެންދިޔައިރު، ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-17 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރޯޑްއެސްއެސްއޭ ޓީމުގެ އަޙްމަދު އަމީން އެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ގްރޫޕް ބީ އިން ބައްދަލުކުރީ މަހިބަދޫ ކައުންސިލާއި ސްޓެލްކޯ ކޭ38 އެވެ. ފޯރިގަދަ ކުޅުމަކަށްފަހު ސީދާ ދެ ސެޓުން މި މެޗު ކާމިޔާބުކުރީ ސްޓެލްކޯ ޓީމެވެ. މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 25-21 އިން ސްޓެލްކޯ ކާމިޔާބުކުރިއިރު، ދެވަނަ ސެޓުގައި މޮޅު ކުޅުމެއް ދައްކައި އެ ސެޓު ސްޓެލްކޯއިން ގެންދިޔައީ 25-04 ގެ ބޮޑު ތަފާތަކުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ސްޓެލްކޯ ކޭ38 ޓީމުގެ ޙުސައިން ރަޝީދެވެ.
މިއީ މި ސިލްސިލާގެ ދަށުން މަހިބަދޫގައި ބާއްވާ 3 ވަނަ ވޮލީބޯޅަ މުބާރާތެވެ. މި މުބާރާތުގެ ފުރަތަމަ އެޑިޝަން 2023 ގައި އަދި ދެވަނަ އެޑިޝަން 2024 ގައި ކާމިޔާބުކަމާއެކު ބާއްވާފައިވާއިރު، 2023 ގެ ޗެމްޕިއަންކަން ހޯދީ އދ. އަތޮޅު ހޮސްޕިޓަލް ޓީމެވެ. އަދި 2024 ގެ ޗެމްޕިއަންކަން ހޯދީ އދ. އަތޮޅު ހޮސްޕިޓަލާއި ސީ އެމްބިއުލާންސް ގުޅިގެން ނެރުނު ޓީމެވެ. މި ދެ އަހަރުވެސް ރަނަރަޕްކަން ހޯދާފައިވަނީ މަހިބަދޫ ޕޮލިސް ޓީމެވެ.
މި މުބާރާތަކީ މަހިބަދޫގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ އިތުރުން، ފުޓްބޯޅައިގެ އިތުރުން މަހިބަދޫގައި ވޮލީބޯޅަ ކުރިއަރުވައި އެހެން ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި މަހިބަދޫ ސްޓެލްކޯ އިން ބާއްވާ މުބާރާތެކެވެ.
ފާއިތުވި ދެ އަހަރާ ޚިލާފަށް، މިއަހަރުގެ މުބާރާތް ފިރިހެން އަދި އަންހެން ޑިވިޜަން ހިމަނައިގެން ކުރިއަށްގެންދާއިރު، ޖުމްލަ 14 މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ފިރިހެން 10 ޓީމާއި އަންހެން 9 ޓީމާއެކު ޖުމްލަ 19 ޓީމު ވާދަކުރެއެވެ. މި މުބާރާތުގައި 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 މުވައްޒަފުން ސީދާގޮތުން ބައިވެރިވެއެވެ.
މުޅިއެކު 42 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި ބޮޑު މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވޮއިސް" އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists