ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދާއިމީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ މެދުގައި އޮތް ބައިވެރިވުން އިތުރަށް ވަރުގަދަކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދެޤައުމުގެ އެކުވެރިކަން ރަމްޒުކޮށްދޭ ސިނަމާލެ ބްރިޖު ހުޅުވިތާ 8 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މީގެ 8 އަހަރު ކުރިން ހުޅުވުނު "ޗައިނާ–މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ވަރުގަދަ ރަމްޒެކެވެ. އަދި މިއީ ވެރިރަށް މާލެއާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހުޅުމާލެ ގުޅުވައިދިން މުހިންމު ބިނާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސިނަމާލެ ބްރިޖަކީ ހަމައެކަނި ޢުމްރާނީ ތަރައްޤީގެ ވަސީލަތެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ދެމެދުގައިވާ އިތުބާރާއި، އެއްބައިވަންތަކަމާއި، ދެ ޤައުމު ގުޅިގެން ހާސިލުކުރަން ބޭނުންވާ އުންމީދުތައް ރަމްޒުކޮށްދޭ ހެއްކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން ދުވަހުން ދުވަހަށް ދަނީ އިތުރަށް ބަދަހިވެ، ވަރުގަދަވަމުން ކަމަށާއި، މި ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް އައު ފުރުޞަތުތައް ފަހިވެ، މުސްތަޤުބަލަށް އައު އުސްމިންތަކަކަށް ވާސިލުވުމުގެ މަގު ތަނަވަސްވަމުންދާކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
ބްރިޖަށް 8 އަހަރު ފުރުނު މި ތާރީޚީ މުނާސަބަތުގައި، ޗައިނާއާއެކު އޮތް ޒަމާންވީ ރަޙުމަތްތެރިކަން ދަމަހައްޓައި، ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists