އަންހެނުންނަށް ފަންނީ ހުނަރު ދަސްކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށް ގެންދިޔަ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ފުރިހަމަކުރި 200 ބައިވެރިންނަށް އިއްޔެ ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ހުޅުމާލޭ ރެހެންދީ ސްކޫލުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. ތިން މަސް ދުވަހުގެ މުއްދަތަށް އެކި ބެޗުތަކަށް ބަހައިލައިގެން ހިންގި މި ޕްރޮގްރާމުގައި ގޭތެރޭގައި ގެންގުޅޭ ތަކެތި މަރާމާތުކުރާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ. އެ ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ވަރުގަދަކޮށް ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރު ވިދާޅުވީ ޢާންމުކޮށް ފިރިހެނުންގެ މަސައްކަތެއްގެ ގޮތުގައި ބެލެވިފައި އޮންނަ ގޭތެރޭގެ އެޕްލައެންސާއި ސައިކަލު ފަދަ ތަކެތި މަރާމާތުކުރުމުގެ ހުނަރު މި ޕްރޮގްރާމް މެދުވެރިކޮށް އަންހެނުންނަށް ފޯރުކޮށްދެވި ވަކި ޖިންސަކަށް ވަކި މަސައްކަތެއް ޚާއްޞަކޮށްފައި އޮންނަ ވިސްނުން ބަދަލުކުރުމަށް ބާރު އެޅުނު ކަމަށެވެ. އެ ގޮތުން ޖިންސީ ތަފާތުކުރުންތައް ނައްތައިލުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ހަމައެއާއެކު ދިވެހި އަންހެނުން ބާރުވެރިކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސަމާލުކަން ވެސް އެމްޑީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެޗްޑީސީން ބުނީ އެމްއައިޓީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުންނަށް އަމާޒުކޮށް ހުނަރު ތަރައްޤީކުރުމުގެ އިތުރު ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists