ޤައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޖިނިއަރިން ދާއިރާތަކުގެ މަސައްކަތްތައް ޢާންމުންނަށް ދައްކާލައިފިއެވެ.
ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ބޭނުމަކީ ޤައުމުގެ ތަރައްޤީގައި އިންޖިނިއަރިން ދާއިރާއިން އަދާކުރާ ދައުރު ކުޑަކުދިންނަށް ބުނެދީ ފަންނީ ރޮނގުތަކަށް އެ ކުދިންގެ ޝައުޤުވެރިކަން އުފެއްދުން ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
އެ ކުންފުނީގެ ފަރާތުން ޖުމްލަ ހަތް ދާއިރާއެއްގެ ފަންނީ މަސައްކަތް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް (ޑަބްލިއުއެސްއެސް) މެކޭނިކަލް ސާވިސަސް (އެމްއެސްޔޫ) ހީޓް ވެންޓިލޭޝަން އެންޑް އެއާ ކޮންޑިޝަނިން (އެޗްވީއޭސީ) ފިއުލް ސާވިސަސް އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) އޭރޯ ޑްރޯމް ގްރައުންޑް އެއިޑްސް (އޭޖީއޭ) އަދި ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުން (ޕީޖީޑީޑީ) ހިމެނެއެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގުމުގައި ކުރެވޭ މި މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ބައިވެރިވި ކުދިންނަށް ލިބިފައިވެއެވެ.
މީގެ އިތުރުން އެމްއޭސީއެލްގެ އިންޖިނިއަރުން ވަނީ އެ ފަރާތްތަކުގެ ޢަމަލީ ތަޖުރިބާ ހިއްސާކޮށް އެއާޕޯޓު ދާއިރާއިން ފަހިވެފައިވާ އިންޖިނިއަރިން ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ބައިވެރިންނަށް ދީފައެވެ. އެމްއޭސީއެލުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މިފަދަ ހަރަކާތްތައް މެދުވެރިކޮށް އޭވިއޭޝަން ދާއިރާއަށް ޝައުޤުވެރިވާ ޤާބިލު ޒުވާނުން ބިނާކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists