އދ. މަހިބަދޫގައި ކުރިއަށްދާ ސްޓެލްކޯ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ދެ މެޗު މިއަދު ކުޅެ މަހިބަދޫ ކައުންސިލްގެ ވޯރިއާޒް ޓީމާއި ހޮސްޕިޓަލްގެ އެލީޓް ޓީމު މޮޅުވެއްޖެއެވެ.
މަހިބަދޫގެ ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ވޮލީބޯޅަ ކުރިއެރުވުމުގެ މަޤުޞަދުގައި ބާއްވާ މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މަހިބަދޫ ކައުންސިލްގެ ވޮރިއާޒް ޓީމާއި ހަމަ އެ ކައުންސިލްގެ ބްލިސް ޓީމެވެ.
މި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ވޮރިއާޒް ޓީމެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 18-4 އަދި 18-2 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކުއީން އޮފް ދަ މެޗު"ގެ މަޤާމު ހޯދީ ވޮރިއާޒް ޓީމުގެ ޖާޒީ ނަންބަރު 9، ފާތިމަތު ޝާރަތެވެ.
މިއަދު ކުޅުނު ދެވަނަ މެޗުގައި ވާދަކުރީ ވައިކިންގްސް ކޮމްބައިން ޓީމާއި ހޮސްޕިޓަލްގެ އެލީޓް ޓީމެވެ. ފޯރިގަދަ ކުޅުމަކަށްފަހު 2-1 ސެޓުން މި މެޗު ކާމިޔާބުކުރީ އެލީޓް ޓީމެވެ. މެޗުގެ ފުރަތަމަ ސެޓް 18-11 އިން އެލީޓް ކާމިޔާބުކޮށްފައި ވަނިކޮށް، ވައިކިންގްސް ކޮމްބައިން ޓީމުން ވަނީ 18-13 އިން ދެވަނަ ސެޓް ކާމިޔާބުކޮށް އެއްވަރުކޮށްފައެވެ. ނަމަވެސް، ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓް 18-13 އިން ކާމިޔާބުކޮށް މެޗު ކާމިޔާބުކުރީ އެލީޓް ޓީމެވެ.
މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ އެލީޓް ޓީމުގެ ޖާޒީ ނަންބަރު 15، މަރިޔަމް އަރުޝާއެވެ.
މިއީ މަހިބަދޫ ސްޓެލްކޯ އިންޖީނުގެއިން މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ. ވޭތުވެދިޔަ ދެ އަހަރާ ޚިލާފަށް، މި ފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ފިރިހެން އަދި އަންހެން ޑިވިޝަން ހިމަނައިގެންނެވެ. އެގޮތުން މަހިބަދޫގެ 14 މުއައްސަސާއަކުން ޖުމްލަ 19 ޓީމު މި މުބާރާތުގައި ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 10 ޓީމާއި އަންހެން 9 ޓީމެވެ.
މި މުބާރާތުގައި 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 ފަރާތަކުން ބައިވެރިވެއެވެ. އަދި މުޅި މުބާރާތުގައި ޖުމްލަ 42 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists