އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅުނު ފޯރިގަދަ މެޗުތަކުން ހޮސްޕިޓަލް ޑީވާސް އަދި އދ.އަތޮޅު ތަޢުލީމީ މަރުކަޒު (އޭއީސީ)ގެ ޓީމު ކާމިޔާބު ކޮށްފިއެވެ.
މުބާރާތުގެ 7 ވަނަ މެޗުގައި ބައްދަލުކުރީ ޕޮލިސް އަދި ހޮސްޕިޓަލްގެ ޑީވާސްއެވެ. މި މެޗުގެ ފުރަތަމަ ސެޓު 18-7 އިން ޕޮލިސް ޓީމު ގެންގޮސްފައިވަނިކޮށް، ހޮސްޕިޓަލް ޑީވާސް އިން ވަނީ ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޖެހިގެން އައި ދެ ސެޓު 18-5 އަދި 18-5 އިން ކާމިޔާބުކޮށް ހޮސްޕިޓަލް ޑީވާސް ވަނީ 2-1 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ހޮސްޕިޓަލް ޑީވާސްގެ ޖާޒީ ނަންބަރު 7، ފާޠިމަތު ނާޒިޔާއެވެ.
މުބާރާތުގެ 8 ވަނަ މެޗުގައި އޭއީސީ ނުކުތީ ހޮސްޕިޓަލްގެ ބްލޭޒްއާ ދެކޮޅަށެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ އޭއީސީންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 18-3 އަދި 18-11 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މޮޅު ކުޅުމެއް ދެއްކި އޭއީސީގެ ޖާޒީ ނަންބަރު 20، ޢާއިޝަތު އިލްމާއެވެ.
މަހިބަދޫ ސްޓެލްކޯ އިންޖީނުގެއިން އިސްނަގައިގެން، ރަށުގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތަކީ މި ސިލްސިލާގެ 3 ވަނަ މުބާރާތެވެ. ވޭތުވެދިޔަ އަހަރުތަކާ ޚިލާފަށް، މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ފިރިހެން އަދި އަންހެން ޑިވިޝަން ވެސް ހިމަނައިގެން ވަރަށް ފޯރިއާއެކުގައެވެ.
މި ފަހަރުގެ މުބާރާތުގައި މަހިބަދޫގެ 14 މުއައްސަސާއަކުން ޖުމްލަ 19 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 10 ޓީމާއި އަންހެން 9 ޓީމެވެ. މީގެއިތުރުން، 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 ފަރާތަކުން މި މުބާރާތުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާއިރު، މުޅި މުބާރާތުގައި ޖުމްލަ 42 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists