އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް" ގައި ކުޅުނު ފޯރިގަދަ މެޗުތަކަށްފަހު ހޮސްޕިޓަލް 1 އަދި ކޮމްބައިން 1 އިން މޮޅުވެއްޖެއެވެ.
މި މުބާރާތުގެ 9 ވަނަ މެޗުގައި ބައްދަލުކުރީ ރޯޑް އެސް.އެސް.އޭ އަދި ހޮސްޕިޓަލް 1 އެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-18 އިން ގެންދިޔައީ ރޯޑް އެސް.އެސް.އޭ އެވެ. ނަމަވެސް، ދެވަނަ ސެޓުގައި ހޮސްޕިޓަލް 1 އިން ކުޅުން ރަނގަޅުކޮށް 29-27 އިން ސެޓު ކާމިޔާބުކުރިއެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު 15-7 އިން ކާމިޔާބުކޮށް، މެޗު ގެންދިޔައީ ހޮސްޕިޓަލް 1 އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހޮސްޕިޓަލް 1 ގެ ޖާޒީ ނަންބަރު 8، ޢަލީ ސާލިމް އެވެ.
މުބާރާތުގެ 10 ވަނަ މެޗުގައި ބައްދަލުކުރީ ހޮސްޕިޓަލް ބީ އަދި އޭއީސީ، މަހިބަދޫ މެޖިސްޓްރޭޓް ކޯޓް، އަދި ބީއެމްއެލް އިސްލާމިކް މަހިބަދޫ ބްރާންޗް ގުޅިގެން އެކުލަވާލާފައިވާ "ކޮމްބައިން 1" އެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު 25-9 އިން ކޮމްބައިން 1 ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. ވާދަވެރި ކުޅުމަކަށްފަހު މި ސެޓުވެސް 28-26 އިން ކާމިޔާބުކޮށް، ސީދާ ދެ ސެޓުން މެޗު ކާމިޔާބުކުރީ ކޮމްބައިން 1 އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ކޮމްބައިން 1 ގެ ޖާޒީ ނަންބަރު 19، މުޙައްމަދު ޖުނައިދު އެވެ.
މަހިބަދޫ ސްޓެލްކޯ އިންޖީނުގެއިން އިސްނަގައިގެން، ރަށުގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތަކީ މި ސިލްސިލާގެ 3 ވަނަ މުބާރާތެވެ. ވޭތުވެދިޔަ އަހަރުތަކާ ޚިލާފަށް، މި އަހަރުގެ މުބާރާތް ފިރިހެން އަދި އަންހެން ޑިވިޝަން ވެސް ހިމަނައިގެން ކުރިއަށްގެންދާއިރު، މުބާރާތަށް އަންނަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންނެވެ.
މި ފަހަރުގެ މުބާރާތުގައި މަހިބަދޫގެ 14 މުއައްސަސާއަކުން ޖުމްލަ 19 ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 10 ޓީމާއި އަންހެން 9 ޓީމެވެ. މީގެއިތުރުން، 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 ފަރާތަކުން މި މުބާރާތުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާއިރު، މުޅި މުބާރާތުގައި ޖުމްލަ 42 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists