ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 53 ވަނަ އަހަރީ ދުވަސް، އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތަކާއި ހަރަކާތްތަކާ އެކު ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
އަހަރީ ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ ހެންވޭރު ދަނޑުގައި ބޭއްވި ހާއްސަ އެއްވުމަކުންނެވެ. މި އެއްވުމުގައި "އެމްއެންޔޫ ވިތު ޔޫ" ގެ ނަމުގައި ފަށާ ފަސްޓް ރެސްޕޮންސް ސަޕޯޓް ލައިން (1558) ވަނީ އިފްތިތާޙުކޮށްފައެވެ. މި ޚިދުމަތަކީ އެމްއެންޔޫގެ މުޖުތަމަޢުގެ އެންމެހައި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތަޢާރަފުކުރި ޚިދުމަތެކެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ހަރަކާތްތަކުގެ ތެރެއިން 53 ވަނަ އަހަރީ ދުވަހުގެ ކޭކު ފެޅުމާއި، ހަނދާނީ ފޮޓޯ ނެގުމުގެ އިތުރުން ގިނަ ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި އަންހެނުންގެ ފުޓްސަލް މެޗާއި، ތިއްމުގޯލި، ބެލޫން ބަޑީ، ލެމަން ރޭސް، ފައިގަތަޅާ، ގޯނި ރޭސް، އޮބްސްޓެކަލް ރޭސް އަދި ވާދެމުމުގެ ފޯރިގަދަ ހަރަކާތްތައް ހިމެނެއެވެ. މި ކުޅިވަރުތަކުގައި ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވެ، ޓީމްވޯކާއި އެކުވެރިކަމުގެ ރޫޙު ވަނީ ދައްކުވައިދީފައެވެ.
އަހަރީ ދުވަހުގެ ހަރަކާތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ ގަލޮޅު ދަނޑުގައެވެ. މިގޮތުން އެމްއެންޔޫގެ މުވައްޒަފުންނާއި، ދަރިވަރުން އަދި ކުރީގެ ދަރިވަރުން (އެލަމްނައި) ގެ މެދުގައި ކުޅެވޭ ފިރިހެނުންގެ ޚާއްޞަ ފުޓްބޯޅަ މެޗެއް އޮންނާނެއެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވައި ފައްޓަވައިދެއްވާނީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއެވެ.
އެމްއެންޔޫގެ ނޫސްބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ތަޢުލީމީ އަދި މަސައްކަތުގެ މާޙައުލުން ބޭރުން، ދަރިވަރުންނާއި މުވައްޒަފުން އަދި އެލަމްނައި އެއްތަނަކުން ބައްދަލުވެ، ޔުނިވަރސިޓީގެ ކާމިޔާބީތައް ފާހަގަކޮށް، މުޅި އެމްއެންޔޫގެ މުޖުތަމަޢުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists