މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗެއަރޕަރސަން ކަމުގެ މަޤާމަށް މއ. ދޭލިޔާގެ، ޢަބްދުﷲ ފާއިޒް އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމުގެ ބާރުގެ ދަށުން، މިފްކޯގެ ޗެއަރޕަރސަން ކަމުގެ މަޤާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުﷲ ފާއިޒް އައްޔަނުކޮށްފައިވާ ކަން ހާމަކޮށްފައެވެ.
މިފްކޯގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ މަސައްކަތްތައް އިތުރަށް ކުރިއެރުވުމުގެ މަޤްޞަދުގައި މި މަޤާމަށް އައްޔަނުކުރެވުނު ފާއިޒަކީ މީގެ ކުރިން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، މި މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑުގައި ޗެއާއަކަށެވެ.
މިފްކޯގެ ޗެއާމަންގެ މަޤާމަށް އާ ބޭފުޅަކު މި އައްޔަނުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ ކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި މުހިންމު އިޞްލާޙީ ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists