ހއ. ކެލާއާއި ދ. ބަނޑިދޫގެ ބަނދަރު ތަރައްޤީކުރުމާއި ބ. ކިހާދޫއާއި ހއ. މުރައިދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ހަތަރު މަޝްރޫޢެއްގައި މިއަދު ދަރުބާރުގޭގައި ސޮއިކޮށްފިއެވެ.
އެމްޓީސީސީން ބުނީ މި އެއްބަސްވުންތަކުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު ކަމަށެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.
ޖުމްލަ 222.41 މިލިއަން ރުފިޔާގެ ކެލާ މަޝްރޫޢަކީ 600 ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. އެ މަޝްރޫޢުގެ ތެރޭގައި 82,400 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި 1,592 މީޓަރުގެ ބޭރުތޮށި ލުމާއި 266 މީޓަރުގެ އެއްގަމު ތޮށި ލުމާއި 692 މީޓަރުގެ ރިވެޓްމަންޓާއި 1,096 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި 132 މީޓަރުގެ ގްރޮއިން ޖެހުމާއި 180 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 1,235 އަކަމީޓަރުގެ ޕޭވްމަންޓް ހެދުން ހިމެނެއެވެ. އެމްޓީސީސީން ބުނީ 2,476 މީހުންގެ އާބާދީއެއް އޮންނަ ކެލާގެ ނެރު ކުޑަވެ ބޮޑެތި ބޯޓުފަހަރަށް ނުވަދެވޭ މައްސަލައަށް މި މަޝްރޫޢުން ހައްލު ލިބޭނެ ކަމަށެވެ.
ދ. ބަނޑިދޫ މަޝްރޫޢުގެ ދަށުން 30,838 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 170 މީޓަރު ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުން ހިމެނެއެވެ. މި މަޝްރޫޢު 15.56 މިލިއަން ރުފިޔާއަށް 210 ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވެއެވެ. އެމްޓީސީސީން ބުނި ގޮތުގައި 1,050 މީހުންގެ އާބާދީއެއް އޮންނަ ބަނޑިދޫއަކީ މަސްވެރިކަމާއި ފައިބަރު މަސައްކަތާއި ދޯނި ބަނުން ފަދަ ސިނާއީ މަސައްކަތްތައް ފުޅާވަމުން އަންނަ ރަށެއް ކަމަށާއި ބަނދަރު ތިލަވެފައި އޮތް މައްސަލައަށް މި މަޝްރޫޢުން ހައްލު ލިބޭނެ ކަމަށެވެ.
ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަގަކީ 60.42 މިލިއަން ރުފިޔާއެވެ. އެ މަސައްކަތް 360 ދުވަހުން ނިންމުމަށް ހަމަޖެހިފައިވާއިރު 17,300 ކިއުބިކް މީޓަރުގެ ވެލި ނެގުމާއި 380 މީޓަރުގެ ބޭރުތޮށި ލުމާއި 240 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. ފަންވިނުމަށް މަޝްހޫރު 600 މީހުންގެ އާބާދީއެއް އޮންނަ ކިހާދޫއަށް ވަރަށް ބޮޑަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަގަކީ 13.35 މިލިއަން ރުފިޔާއެވެ. އެ މަސައްކަތުގެ ތެރޭގައި 2,800 ކިއުބިކް މީޓަރުގެ ވެލި ނެގުމާއި 139 މީޓަރުގެ ރިވެޓްމަންޓާއި 56 މީޓަރުގެ ގްރޮއިން ޖެހުން ހިމެނޭއިރު 150 ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވެއެވެ. ދަނޑުވެރިކަމާއި ފަރުމަސްވެރިކަން ކޮށް އުޅޭ 940 މީހުންގެ އާބާދީއެއް އޮންނަ މުރައިދޫއަށް ވެސް ރަށްގިރުމުގެ ބޮޑު މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރު ތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާ އެކު ނިންމައިފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists