ރާއްޖޭގެ ދެކުނުގެ އެކި ސަރަޙައްދުތަކުގައި ވަޒީފާ އަދާކުރާ އެސްޓީއޯ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބާއްވާ "ދެކުނު ފޯރި" މި އަހަރުވެސް އައްޑޫ ސިޓީ ހިތަދޫގައި ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް ނިންމައިފިއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ބައިވެރީން ފަސް ޓީމަކަށް ބަހާލައި ޕޮއިންޓް ސިސްޓަމެއްގެ ދަށުން އެންމެ މޮޅު ޓީމު ވަނީ ހޮވައިފައެވެ. މި ފަހަރުގެ ހަރަކާތުގައި ވޮލީބޯޅަ ޗެސް ބެޑްމިންޓަން ޓީޓީ އަދި ކެރަމް ހިމެނޭ ގޮތަށް ފަސް މުބާރާތެއް ބާއްވައި ކޮންމެ މުބާރާތަކުންވެސް އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ގްރޫޕު ހޮވައިފައިވެއެވެ.
ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ބައިވެރީންނަށް ގިނަ ދާއިރާތަކަކުން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިފައިވެއެވެ. އޭގެ ތެރޭގައި ފަސްޓް އެއިޑް އަލިފާނުގެ ހޭލުންތެރިކަން ފޯނުން މުޢާމަލާތުކުރާއިރު ގެންގުޅެންޖެހޭ އުސޫލުތައް ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން އަދި މަސައްކަތުގެ މާޙައުލުގައި ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާ ގުޅޭ ތަމްރީނު ހިމެނެއެވެ.
މި އަހަރު ދެކުނު ފޯރީގައި ބައިވެރިވެފައި ވަނީ ލ. ފޮނަދޫ ފުވައްމުލައް ގދ. ތިނަދޫ ސިޓީ ހުޅުމީދޫ އަދި އައްޑޫ ސިޓީގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ހަރަކާތް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ޑިނާ ނައިޓުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ ބައެއް އިސް ވެރީން ބައިވެރިވެވަޑައިގެން މުބާރާތްތަކުން ވަނަ ހޯދި ގްރޫޕުތަކަށް އިނާމު ދެއްވައިފައިވެއެވެ.
ދެކުނު ފޯރިއަކީ އެސްޓީއޯގެ ރެކްރިއޭޝަން ކްލަބް "ސްޓޯކް" ގެ އިސްނެގުމުގެ ދަށުން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ހަރަކާތެކެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ހަރަކާތުގެ މަޤުޞަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މުވައްޒަފުން އެއް ތަނަކުން ބައްދަލުވެ ގުޅުން ބަދަހިކޮށް އެއް ޓީމެއްގެ ގޮތުގައި ހަރަކާތްތެރިވެ ތަމްރީނާއި ޤާބިލުކަން އިތުރުކުރުމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists