އދ. މަހިބަދޫގައި ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ 13 ވަނަ އަދި 14 ވަނަ މެޗުން ސްޓެލްކޯ ކޭ-38 އާއި އެލްޖީއޭ އދ. އަތޮޅު ގޮފި މޮޅުވެއްޖެއެވެ.
މުބާރާތުގައި ކުޅެވުނު 13 ވަނަ މެޗުގައި ބައްދަލުކުރީ ސްޓެލްކޯ ކޭ-38 އަދި ހޮސްޕިޓަލް ބީ އެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ސްޓެލްކޯ ކޭ-38 ގެ ޓީމެވެ. އެ ޓީމުން ފުރަތަމަ ސެޓު 12-25 އިން ގެންދިޔައިރު، ދެވަނަ ސެޓު ކާމިޔާބުކުރީ 7-25 ގެ ބޮޑު ތަފާތަކުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޓެލްކޯ ކޭ-38 ގެ ޖާޒީ ނަންބަރު 10، އަބްދުލް ބާސިތެވެ. މިއީ މި މުބާރާތުގައި ސްޓެލްކޯ ކޭ-38 ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، އެ ޓީމުން ވަނީ މީގެ ކުރިން ކުޅުނު މެޗުވެސް ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ 14 ވަނަ މެޗުގައި އެލްޖީއޭ އދ. އަތޮޅު ގޮފި އަދި ސްޓެލްކޯ ޑީ-16 ބައްދަލުކުރި މެޗު ވެގެންދިޔައީ ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗަކަށެވެ.
ތިން ސެޓަށް ދެމިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 26-28 އިން އެލްޖީއޭ އދ. އަތޮޅު ގޮފިން ގެންދިޔަ ނަމަވެސް، ސްޓެލްކޯ ޑީ-16 އިން ވަނީ ކުޅުން ރަނގަޅުކޮށް 25-23 އިން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ.
ނަމަވެސް، ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު 12-15 އިން ކާމިޔާބުކޮށް މެޗު ކާމިޔާބުކުރީ އެލްޖީއޭ އދ. އަތޮޅު ގޮފީގެ ޓީމެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެލްޖީއޭ އދ. އަތޮޅު ގޮފީގެ ޖާޒީ ނަންބަރު 6، މުޙައްމަދު ހުޝާމެވެ.
މަހިބަދޫގައި ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގްސަދުގައި ސްޓެލްކޯ މަހިބަދޫ އިންޖީނުގެއިން މި މުބާރާތް ބާއްވާ މިއީ 3 ވަނަ އަހަރެވެ. ވޭތުވެދިޔަ ދެ އަހަރާ ޚިލާފަށް، މިއަހަރުގެ މުބާރާތް ފިރިހެން އަދި އަންހެން ޑިވިޝަން ހިމަނައިގެން ކުރިއަށްގެންދާއިރު، މަހިބަދޫގެ 14 މުއައްސަސާއަކުން ޖުމްލަ 19 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 10 ޓީމާއި އަންހެން 9 ޓީމެވެ.
މި މުބާރާތުގައި 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 ފަރާތަކުން ބައިވެރިވެއެވެ. މުޅި މި މުބާރާތުގައި ޖުމްލަ 42 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists