އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި ވައިކިންގްސް އިން ފުރަތަމަ މޮޅު ހޯދައި، އދ. އޭއީސީން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ 15 ވަނަ މެޗުގައި ބައްދަލުކުރީ ހޮސްޕިޓަލް (ޑީވާސް) އަދި ވައިކިންގްސް އެވެ. ވާދަވެރި ކުޅުމަކަށްފަހު ސީދާ ދެ ސެޓުން މި މެޗު ކާމިޔާބުކުރީ ވައިކިންގްސް ޓީމެވެ. މި މެޗުގެ ސެޓުތައް ދިޔައީ 18-10 އަދި 18-16 އިންނެވެ.
މިއީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ވައިކިންގްސް އަށް ލިބުނު ފުރަތަމަ މޮޅެވެ. އަދި ފުރަތަމަ މެޗު ކާމިޔާބުކުރި ހޮސްޕިޓަލް ޑީވާސް މި މެޗުން މިވަނީ ބަލިވެފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާ ގެ މަގާމު ހޯދީ ވައިކިންގްސް ޓީމުގެ ޖާޒީ ނަންބަރު 9، އައިޝަތު ޝާއިޤާ އެވެ.
މުބާރާތުގެ 16 ވަނަ މެޗުގައި އދ. އޭއީސީން ވަނީ މަހިބަދޫ ކައުންސިލް (ބްލިސް) ގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދާފައެވެ. މި މެޗު އޭއީސީން ކާމިޔާބުކުރީ 18-04 އަދި 18-06 ގެ ނަތީޖާއަކުން ސީދާ ދެ ސެޓު ގެންގޮސްގެންނެވެ.
މިއީ އޭއީސީން މުބާރާތުގައި ކުޅުނު ދެ މެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މިއާ ޚިލާފަށް ކައުންސިލް ބްލިސް ވަނީ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭއީސީ ޓީމުގެ ޖާޒީ ނަންބަރު 17، ސޯފާ ގާސިމް އެވެ.
މަހިބަދޫ ސްޓެލްކޯ އިންޖީނުގެއިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ މި ސިލްސިލާގެ ތިންވަނަ މުބާރާތެވެ. ވޭތުވެދިޔަ ދެ އަހަރާ ޚިލާފަށް މިއަހަރުގެ މުބާރާތް ފިރިހެން އަދި އަންހެން ޑިވިޝަން ހިމަނައިގެން ކުރިއަށްގެންދާއިރު، މަހިބަދޫގެ 14 މުއައްސަސާއަކުން ޖުމްލަ 19 ޓީމު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 10 ޓީމާއި އަންހެން 9 ޓީމެވެ.
މި މުބާރާތުގައި 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 ފަރާތަކުން ބައިވެރިވާއިރު، މުޅި މުބާރާތުގައި ޖުމްލަ 42 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists